އެންދަމަން ފޭބި މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިޔަރު ހަމަލާދީފައިވަނީ ފ. ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރަމުން އަންނަ "ގުރުވަ" ދޯނިން އެންދަމަން ފޭބި މީހަކަށެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އޭނާގެ ފައިގެ ކުޑަކަޅުވާގައި މިޔަރު ދަތްއެޅުމުގެ ސަބަބުން، ކުޑަކަޅުވައިން ބައެއް ނައްޓައިގެން ގޮސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އޭނާއަށް އެންމެފުރަތަމަ ފަރުވާދިނީ މ. މުލީ ހޮސްޕިޓަލުގައިނަމަވެސް، އިތުރު ޓެސްޓުތައް ހެދުމަށް މާލެ ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
މިއަދުގެ މިހާދިސާ ހިނގާފައިވާއިރު، ދާދިފަހުން ވެސް ވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު ގދ. ތިނަދޫ "ކަޅިރަވަ" ދޯނިން މޫދަށް ވެއްޓުނު މީހަކަށް ވެސް މިޔަރެއް ހަމަލާދީފައެވެ. މި މޭ މަހު 16 ވަނަ ދުވަހުގެ ހެނދުނު ހިނގި އެ ހާދިސާގައި ޒަހަމްވެފައި ވަނީ އުމުރުން 32 އަހަރުގެ ބަންގްލާދޭޝް މީހެކެވެ.
އޭނާއަށް މިޔަރު ހަމާލާދީފައި ވަނީ ގއ. ކޫއްޑުއަށް މަސް ކިރަން ގޮސް، ކިއު ދިގުވުމުން ފަޅުން ބޭރަށް ދޯނި ނެރުނު ވަގުތު މޫދަށް ވެއްޓުމުންނެވެ. އެ މީހާގެ ގައިގެ ތިން ތަނެއްގައި މިޔަރު ދަތް އަޅާފައިވާއިރު އޭގެ ތެރޭގައި އޭނާގެ އަތާއި ފައިގެ ދެ ތަނެއް ވެސް ހިމެނެއެވެ.
ރާއްޖޭގައި މީގެކުރިން ވެސް މިފަދަ ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން ފައިބެއަހަރު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަނޑަށް ވެއްޓުނު 62 އަހަރުގެ ދިވެހި މަސްވެރިއަކަށް ވަނީ މިޔަރެއް ހަމަލާދީފައެވެ. އެއީ ޅ. މާފިލާފުއްޓާ ދިމާލު ބޭރުން 14 މީހުންނާއެކު އޭނާ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!