ރިޔާސީ އިންތިޚާބުގެ މަސައްކަތަށް ބޭނުންވާ މީހުން ހޯދުމަށް ވޯކިން އިންޓަރވިއު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނީ މި އިންޓަރވިއުތައް އޮންނާނީ މި މޭ މަހުގެ 20 އަދި 21 ގައި ދަރުބާރުގޭގައި ކަމަށެވެ. އަދި އިންޓަރވިއު ކުރިއަށްދާނީ ހެނދުނު 10 ން ރޭގަނޑު 10 ޖަހަންދެން ކަމަށެވެ.
އީސީ އިން ބުނީ މި އިންޓަރވިއު އަށް އަންނައިރު، އައިޑީ ކާޑާއި ތައުލީމާއި ތަޖުރިބާގެ ލިޔުންތައް ގެންނަން ޖެހޭނެ ކަމަށެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރުމަށް ކޮމްޕްލެއިން ބިއުރޯ މެމްބަރުންނާއި މެނޭޖަރުންނާއި މީޑިއާ އޮފިސާ އަދި ސީނިއަރ އޮފިސަރުންނާއި ގްރެފިކް ޑިޒައިނަރުން ހޯދުމަށް ވަނީ ނިންމާފައެވެ. އަދި ފޮޓޯގްރާފަރުންނާއި އޮފިސަރުންނާއި ޓެކް އޮފިސަރުންނާއި މަސައްކަތު މީހުން ވެސް ހޯދުމަށް ނިންމާފައި ވެއެވެ.
މީގެ އިތުރުން ސެކިއުރިޓީ އޮފިސަރުންނާއި ޑްރައިވަރުންނާއި ސަޕޯޓު އޮފިސަރުންނާއި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ވެސް ހޯދުމަށް ވަނީ ނިންމާފައެވެ.
އަންނަ ރިޔާސީ އިންތިހާބަށް ބޭނުންވާ އެކިއެކި މަސައްކަތްތައް ކުރުމަށް ވަގުތީ މުވައްޒަފުން ނެގުމަށް ބާއްވާ މި އިންޓަރވިއުގައި އެ ވަޒީފާތަކާ ބެހޭ މައުލޫމާތު ދިނުމާއި، ކުރިމަތިލާން ބޭނުންވާ ފާރަތްތަކުގެ ފޯމް ފުރައިދިނުން ހިމެނެއެވެ. އަދި ފޯމް ފުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމާއި އަމަލީ ޓެސްޓު ދިނުން ވެސް ހިމެނޭ ކަމަށް އީސީން ބުނެއެވެ.
މީގެ އިތުރުން ދާއިމީ ތިން މަގާމަކަށް ވެސް ވަނީ ހުޅުވާލާފައެވެ. އެއީ ހިއުމަން ރިސޯސަސް ސެކްޝަނަށް އޮފިސަރަކާއި، އިންފޮމޭޝަން ސިސްޓަމް ސެކްޝަނަށް ޑިވެލޮޕަރަކާއި، ޕްލޭނިން ޕޮލިސީ އެންޑް ރިސާޗް ސެކްޝަނަށް އެސިސްޓަންޓް ޑިރެކްޓަރެކެވެ.
މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުމަށް އީސީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!