ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުން އިތުރުކުރަން ޖެހޭ ކަމަށް ތިމާވެއްޓާއި މުވާސަލާތީ ޚިދުމަތައި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޓެެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން ދެއްވި ނޫސް ބަޔާނުގައި އެކަމަނާ ވިދާޅުވީ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ގިންތިން ރާއްޖެ ކުރިއަށް ޖެހި، ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ބެލެވޭ ގައުމެއްގެ ގޮތުގައި ރާއްޖެވިޔަސް، އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކަށް ހުންނަ ގިނަ ގޮންޖެހުންތައް އަދިވެސް ރާއްޖޭގައި އެބަހުރިކަމަށެވެ.
"އެގޮތުން ކުދި ޖަޒީރާތަކެއްގެ މައްޗަށް ރާއްޖެ އެކުލެވިފައިވުމާ، ރަށްރަށުގެ އާބާދީ ކުޑަވުމަކީ ވަރަށްބޮޑެތި ގޮންޖެހުންތައް. އިންފޮމޭޝަނާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އަކީ މިގޮންޖެހުންތަކުން އަރައިގަނެ، ރާއްޖޭގެ އެކަހެރި ރައްތަކުގެ އެކަހެރިކަން ކުޑަކޮށް އާބާދީ އެކުގައި މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭ ވަސީލަތެއް." ޝައުނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އައިސީޓީ މާހައުލަށް ބަލާއިރު، އެކަށީގެންވާ މިންވަރަކަށް ހިދުމަތާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރެވިފައިކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ރާއްޖެ އާއި ބޭރުދުނިޔެއާ ގުޅުމަށް އިތުރު ސަބްމެރީން ފައިބާ އޮޕްޓިކް ކޭބަލްތައް އެޅުމުގެ މަސައްކަތް ވެސް މިހާރުދަނީ ކުރަމުން ކަމަށެވެ.
އެގޮތުން ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރު ތިން ސަބްމެރީން ކޭބަލް ސިސްޓަމް ގުޅުމުގެ މަސައްކަތް ކުރެވޭނެ ކަަމަށާއި ރާއްޖޭގެ އެތެރޭގެ އިންފްރާސްޓަރަކްޗާ ވެސް ފުޅާކުރެވި، ފައިބާ ނެޓްވޯކާ ގުޅާލެވޭ ރަށްތައް އިތުރު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި އަންނާނެ އެއްޗެއް ކަމުގައި ދެކެމުން އައި އާޓިފިޝަލް އިންޓެލިޖެންސް މިހާރުވަނީ އޭގެ ބޭނުން ހިފޭ ވަސީލަތަކަށް ބަދަލުވެފައި ކަމަށާއި މާ ލަސްތަކެއް ނުވެ، އިންސާނީ ސިކުނޑިން ނޫނީ ނުކުރެވޭ ބައެއް ކަންކަން އާޓިފިޝަލް އިންޓެލިޖެންސް މެދުވިރކޮށް ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވިދާޅުވިއެވެ.
ޝައުނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަ ރަށްތަކަށް ވެސް ބްރޯޑްބޭންޑް ހިދުމަތް ފުޅާކޮށް ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!