މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކި ބަޔަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށް އިންސާނުންގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މާލޭގައި މި އޮޕަރޭޝަން ހިންގީ ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ކަމަށާއި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނަކާއި ތައިލެންޑްގެ ހަތަރު އަންހެނުން ކަމަށެވެ.
މި އޮޕަރޭޝަނަކީ، ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ރާވައިގެން ހިންގާ ކްރިމިނަލް ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ފުލުހުން ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި މީގެކުރިންވެސް ހަށިވިއްކަމުންދާ މީހުން ހައްޔަރުކުރަމުން އަންނައިރު، މިފަހަކަށްއައިސް މާލޭގައި މަސާޖުޕާލާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އެގޮތުން ފުރަމާލޭގައި ހުރި މިސްކިތްތަކަށްވުރެ، ސެލޫން ނުވަތަ މަސާޖުޕާލާތަކުގެ އަދަދު މިހާރުވަނީ އިތުރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!