ރާއްޖޭގައި މިހައިތަނަށް އެންމެގިނަ ފުލް މެރަތަން ދުވި ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު ކޯޗު) ގެ 90 ވަނަ މެރަތަން އަށް ފުރަން ތައްޔާރުވެއްޖެއެވެ.

މިކަމާއި ގުޅިގެން 'ތިލަދުން' އަށް ނަސްރު ބުނީ މިފަހަރުގެ ދުވުން ޚާއްސަކުރަނީ އެމްއެންޑީއެފްގައި އޭނާ ވަޒީފާ އަދާކުރާ ސެކްޝަންގެ ވެރިޔާއަށް ކަމަށެވެ. އަދި އޭނާއަށް މިހާ ހިސާބަށް މި އާދެވުނީ ސެކްޝަން ވެރިޔާގެ ވަރަށްބޮޑު އެހީތެރިކަމާއެކީގައި ކަމަށެވެ.

Ad
rt

"އަސްލު މިހާ ހިސާބަށް އައި އިރު، 90 މެރަތަން އަށް އައި އިރު، ސެކްޝަންގެ ވެރިޔާގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ވަނީ ލިބިފަ. ކޮންމެ ރަން އަކަށް ދާއިރު، ލީވް ދިނުމާ ދުވުމަށް އެންކަރޭޖު ކުރުމުން ފެށިގެން ވަރަށްބޮޑަށް މޯޓިވޭޓް ކޮށްދޭ. އެހެންވީމަ އަޅުގަނދުގެ 90 ވަނަ މެރަތަން ޚާއްސަ ކުރާނީ އޭނާއަށް." ނަސްރު ބުންޏެވެ.

ބަސްރުގެ 90 ވަނަ މެރަތަން ފުރިހަމަކުރާނީ ސިންގަޕޫރުގައެވެ. އެއީ "އޯސިމް ސަންޑައުން މެރަތަން ސިންގަޕޯރ 2023" އެވެ. މި މެރަތަންގައި ދުވުމަށް އޭނާ ފުރުމަށް ނިންމާފައިވަނީ މި މޭ މަހުގެ 17 ވަނަ ދުވަހުއެވެ.

ރާއްޖޭގައި އެންމެގިނަ ފުލް މެރަތަން 42.195 ކިލޯމީޓަރ ނުވަތަ މާލެވަށާ 8 ބުރު ޖެހުމުގެ ރެކޯޑު އޮންނަ ނަސްރުގެ މިފަހަރުގެ އުއްމީދަކީވެސް 4 ގަޑިއިރަށްވުރެ އަވަހަށް މެރަތަން ނިންމުމެވެ.

އޭނާ މިހައިތަނަށް ދުވެފައިވާ ގިނަ މެރަތަން 4 ގަޑިއިރަށް ވުރެ އަވަހަށް ނިންމާފައިވާއިރު، މިއީ ނިސްބަތުން ވަރަށް މަދު މީހަކަށް ނޫނީ ނުވާ ކަމެކެވެ.

މެރަތަން ދުވާ މީހުންގެ ތެރެއިން 4 ގަޑިއިރަށް ވުރެ އަވަހަށް ނުވަތަ 4 ބްރޭކް ކުރެވެނީ 20 އިންސައްތަ މީހުންނަށް ކަމަށް ދިރާސާތަކުން ދައްކާއިރު، މިއީ ތަޖުރިބާކާރުން ވެސް އިއްތިފާގުވާ ކަމެކެވެ.

ނަސްރު، މިހާރު އަމާޒު ހިފާފައިވަނީ ވީއެންމެ އަވަހަކަށް އޭނާގެ 100 ވަނަ މެރަތަން ޖެހުމަށެވެ. އާންމުގޮތެއްގައި ކޮންމެ މަހަކުވެސް މެރަތަން އެއް ޖަހަމުން އަންނަ ނަސްރުގެ 100 ވަނަ މެރަތަން އަކީ ވަރަށް ޚާއްސަ އިވެންޓެއްގެ ގޮތުގައި ހެދުމަށް އޭނާ ވަނީ އަތުކުރި އޮޅާލާފައެވެ.