ޒިރާއީ ބޭނުންތަކަށް ދިރޭޖަނަވާރު (ޕޯލްޓްރީ ދޫންޏާއި ލައިވް ސްޓޮކް) ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދޫކުރާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި މިހެން ބުނެފައިި މިވަނީ މާލޭގެ ގެއެއްގެ ތެރޭގައި އޮސްޓްރިޗް ނުވަތަ ގިނިކާ މާދޫންޏެއް ގެންގުޅޭ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

އެ އިއުލާނުގައި ބުނެފައިވަނީ މިހާރަކަށް އައިސް ޕޯލްޓްރީ ފާމުގައި ގެންގުޅުމަށްޓަކައި ޕޯލްޓްރީ ދޫނި އެތެރެކުރުމަށް އެ މިނިސްޓްރީން ދޫކުރާ އިމްޕޯޓު ހުއްދައިގެ ދަށުން އޮސްޓްރިޗް (ގިިނިކާމާދޫނި) ފަދަ ބޮޑެތި ދޫނި އެތެރެކޮށް، އޭގެ ދިރޭ ދޫނި ވިއްކަމުން ގެންދާތީ ބައެއް ފަރާތްތަކުން އެފަދަ ދޫނި ގަނެގެން ޕެޓްގެ ގޮތުގައި ގޭގޭގައި މީހުންގެ ތެރޭގައި ގެންގުޅޭ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން އަންނަކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އެފަދަ ވީޑިއޯ ވެސް އާންމަުވަމުން އަންނަކަން ފާހަގަވާ ކަމަށެވެ.

"ޕޯލްޓްރީ ދޫންޏަށް މި މިނިސްޓްރީން ހުއްދަ ދެނީ ޕޯލްޓްރީ ދޫނި ގެންގުޅުމަށް މި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ޕޯލްޓްރީ ފާމުތަކުގައި ގެންގުޅުމަށެވެ. މި މިންގަނޑުތައް މައިގަނޑުގޮތެއްގައި ބިނާވެފައިވާނީ ޖަނަވާރު ގެންގުޅުމުގައި ބައިނަލްއަގުވާމީ ގޮތުން އަމަލުކުރާ ދުޅަހެޔޮކަމުގެ މިންގަނޑާއި (އެނިމަލް ވެލްފެއަރ) އަދި ހަޔަވީ ރައްކާތެރިކަމުގެ (ބަޔޯ ޑައިވާސިޓީ) މިންގަނޑުތަކުގެ މައްޗަށެވެ." އިއުލާނުގައި ވެއެވެ.

އެހެންކަމުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ ދޫނި ގެންގުޅޭއިރު، އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިތަކެތި ގެންގުޅެން ޖެހެނީ އާންމުން ދިރިއުޅޭ ގެތަކާއި އެކަހެރިކޮށް، މިކަމަށް ކަނޑައެޅޭ ފާމްތަކުގައި ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގައި ޒިރާއީ ބޭނުންތަކަށް ދިރޭޖަނަވާރު ގެންގުޅުމުގެ ސިނާއަތު ކުރިއެރުވުމުގެ މަގުސަދުގައި އެފަދަ ޖަނަވާރު އެތެރެކުރުމަށް އެ މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ދަށުން، އެތެރެކުރާ ދިރޭޖަނަވާރު ގެންގުޅެ ބެލެހެއްޓުމުގައި، ޖަނަވާރު ގެންގުޅުމުގައި ބައިނަލްއަގުވާމީ ގޮތުން އަމަލުކުރާ ދުޅަހެޔޮކަމުގެ މިންގަނޑާއި ހަޔަވީ ރައްކާތެރިކަމުގެ މިންގަނޑުތައް ތަންފީޒު ކުރުމަށް ދިރޭޖަނަވާރު އެތެރެކުރާ ފަރާތްތަކާއި އެތަކެތި ގެންގުޅޭ ފަރާތްތައް ޒިންމާދާރުވާން ޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.