މި އަހަރު އަލަށް ތައާރަފް ކުރި މަސްވެރިޔާގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މި ޕްްރޮމޯޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި، މަސްވެރިޔާގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާފެ އިނާމެއް ލިބިގެންދާނެއެވެ.

Ad
rt

މަސްވެރިޔާގެ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށް ބޭނުން ކުރުމަށް ފަރުމާކުރެވިފައިވާ ކާޑެކެވެ.

މި ކާޑު ބޭނުންކޮށްގެން މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް އެ ފަޅުވެރިންގެ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ހިދުމަތް ހޯދުމަށް ބޭނުން ކުރެވޭނެއެވެ. އަދި މީގެ އިތުރުން މި ކާޑު ބޭނުންކޮށްގެން އޮންލައިން ވިޔަފާރި ކުރުމާއި ރާއްޖެއިން ބޭރުގައި ވެސް ބޭނުން ކުރެވޭނެއެވެ.

މިކާޑާއި ގުޅޭ މައުލޫމާތާއި ކާޑަށް އެދި ހުށައަޅާ ފޯމް، މިހާރު ހުޅުމާލޭގައި ކުރިއަށްދާ މަސްވެރިންގެ އެކްސްޕޯގައިވާ ބީއެމްއެލްގެ ސްޓޯލުން ލިބޭނެއެވެ.