ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ގައި ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.
މި ޖަލްސާ ބާއްވަން އެ ކުންފުނިން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ.
މި ޖަލްސާގައި ބައިވެރިވެވޭނީ 24 އޭޕްރިލް 2023 ވީ ހޯމަ ދުވަހުގެ ނިޔަލަށް ކުންފުނިގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށްކަމަށް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.
މި ޖަލްސާގައި ހާޒިރުވެގެންނާއި ޕްރޮކްސީގެ ގޮތުގައި އާއި އަދި މައިކްރޯސޮފްޓް ލައިވް އިވެންޓްސް މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މި ޖަލްސާގައި ބައިވެރިވެވޭނީ އަހަރީ އާންމު ޖަލްސާ ފެށޭ ގަޑީގެ ކުރިން އެސްޓީއޯގެ ވެބްސައިޓްގައި އަހަރީ އާންމު ޖަލްސާއަށް ރަޖިސްޓްރީވުމަށް ހަދާފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާ ހިއްސާދާރުންނަށެވެ.
މި މަހުގެ 31 ގައި ބާއްވާ އެސްޓީއޯގެ 2022 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ހިސާބުތައް ފާސް ކުރުމާއި ހިއްސާގެ ފައިދާ ފާސް ކުރުމާއި ކުރިއަށް އޮތް އަހަރަށް އާއްމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ޑިރެކްޓަރަކު އައްޔަން ކުރުމަށް ވޯޓުލުން ކުރިއަށްދާނެއެވެ.
މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް އަހަރީ އާއްމު ޖަލްސާ އަށް ހުށަހެޅުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!