ހޯރަފުއްޓާއި މާވާރުލު އެއާޕޯޓަށް ރޭގަނޑު ފްލައިޓު ޖައްސަން ތައްޔާރުވަމުން އަންނަކަމަށް ރީޖަނަލް އެއާޕޯޓްސް އިން ހާމަކޮށްފިއެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ އެ ދެ އެއާޕޯޓުގައި ނައިޓްލޭންޑިން ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ގާތްގަޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

Ad
rt

މި ދެ އެއާޕޯޓުގައި ރޭގަނޑުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ހަމަޖައްސަމުން އަންނައިރު، ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ބާއްވަން ފެށުމުގެ ގޮތުން ޓެސްޓު ފްލައިޓެއް މިދިޔަ ހަފުތާގައި ވަނީ ބާއްވާފައެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނެފައިވަނީ ކުޅުދުއްފުއްޓަށް ރޭގަނޑުގެ ފްލައިޓުތައް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ރޭގަނޑުގެ ފްލައިޓްތަކާ އެކު އެއާޕޯޓުގެ މަސައްކަތް 24 ގަޑިއިރަށް ބަދަލުވާނެ ކަމަށެވެ.

އޭރުން ރޭގަނޑު ވައިގެ ދަތުރު ނުކުރެވި ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ދާނެ ކަމަށާއި ވިޔަފާރިތަކަށާއި ގެސްޓްހައުސް އަދި ރިސޯޓުތައް ހިންގާ ފަރާތްތަކަށް ވެސް މިކަމުގެ ސަބަބުން ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބުނެއެވެ.