ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ބަސް ހުއްޓިއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ގާއިމުކޮށްފިއެވެ.
މި ބަސްހުއްޓި ގާއިމު ކުރީ އެމްއޭސީއެލް ހިޔާ ޓަވަރު ސަރަހައްދުގައެވެ. އެތަނަށް މިހާރު ބަސް ދަތުރުތައް ކުރާނެއެވެ.
އެމްޓީސީސީން ބުނީ މި ބަސް ސްޓޮޕް ގާއިމު ކުރީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ކަމަށެވެ.
އެމްޓީސީސީން ބުނީ އާރުޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ R8, R7, R6 އަދި R9 ރޫޓުގެ ބަސްތައް މެދުވެރިކޮށް 15 މެއި 2023 އިން ފެށިގެން މި ބަސް ހުއްޓިއަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
އާއްމު ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެމްޓީސީސީން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މާލެ ހުޅުމާލެ، ހުޅުމާލެ-ފޭސް 2 ގައި ބަސް ދަތުރުތައް ބާއްވާއިރު، ބާރުބޮޑު ދުވަސްތަކުގައި ބަސް ދަތުރުތައް އިތުރުކޮށް ވެސް ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!