ޔޫއޭއީ ގައި އޮންނަ މުބާރާތެއްގައި ރާއްޖޭގެ ޒުވާން 6 ޝެފުން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގެ ޝެފުންގެ ގައުމީ ޖަމިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ބުނީ ރާއްޖޭގެ ޒުވާން ޝެފުން ބައިވެރިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް ސެލޮން ކަލިނެއާ މުބާރާތުގެ ތެރެއިން ބާއްވާ އެލެން ތޮންގް ގޯލްޑެން ކޮފީ ވިތް ޕޮޓް ޗެލެންޖު 2023 ގައި ކަމަށެވެ.

Ad
rt

މި މެއި މަހުގެ 29 ން 31 ގެ ނިޔަލަށް މި މުބާރާތް އޮންނާނީ ޔޫއޭއީ ގެ ޝަރްޖާހުގައި ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެއެވެ.

ސީޖީއެމް އިން ބުނީ އެލެން ތޮންގް ކޮފީ ޕޮޓް ޗެލެންޖަކީ އެކި ގައުމުތަކުން ބައިވެރިވާ ޒުވާން ޝެފުންގެ ޓީމަކުން ފުރިހަމަ ތިން ކޯސްގެ މީލްއެއް ތައްޔާރުކުރާ ބޮޑު މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ކޮންމެ ޓީމަކުން ވެސް ކޯލްޑް ސެލެޑް އެންޑް އެޕަޓައިޒާ އާއި ޑެޒާޓް ބުފޭއަކާއި މެއިން ކޯސްއެއް ތައްޔާރުކުރަން ޖެހޭ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާ ދިވެހި ޓީމުގައި ހިމެނެނީ އައިމިނަތު އަމާނީ ހުސައިން، އިސްމާއިލް ތަހްސީން، ޢައިޝަތު ލަޔާން ރިޔާޒު، އަހްމަދު ސާއިން، އިބްރާހިމް ނިޒާމް އަދި މުހައްމަދު ނާސިފް އެވެ.

ސީޖީއެމް އިން ބުނީ މި ޓީމުގެ މެއިން ސްޕޮންސަރއަކީ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ މުބާރާތް އިންތިޒާމުކުރާ އެމިރޭޓްސް ސެލޮން ކަލިނެއާގެ ފަރާތުން ދައުވަތު ދޭ 9 ގައުމަކަށް އެކަނި ކަމަށާއި އެހެންވެ، މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ސީޖީއެމް އަށް ދައުވަތު ލިބުމަކީ ލިބުނު ވަރަށްބޮޑު ޝަރަފެއް ކަމުގައި ވެސް ސީޖީއެމް އިން ބުނެއެވެ.