ރަށު މަދަރުސާގައި ގްރޭޑް 10 ކިޔަވަމުންދިޔައިރުގައިވެސް ޝާއިނާގެ ( އަސްލުނަމެއްނޫން ) ހުވަފެނަކީ ނަރުހަކަށްވުމެވެ. ނަމަވެސް އޭރު ރަށުގައި ކިޔަވައިދެނީ ހަމައެކަނި ކޮމާސް ސްޓްރީމަށްވާތީ، އެހާ ފަސޭހައިން ނަރސިންގ ދާއިރާއަށް ނުވަދެވޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާގެ ޢަޒުމެއް އޭރުވެސް ބަދަލެއް ނުވެއެވެ. ކުރީއްސުރެ ހިތުގައި ބިންވަޅު ނެގިފައި އޮތް ޖުމްލަ " ބޮޑުވެގެން ވާން ބޭނުންވަނީ ނަރުހަކަށް " އޭރުވެސް އޮތީ ރަންކުލައިން ވިދާލަވިދާލައެވެ. އެހެންކަމުން ގްރޭޑް 10 ނިންމާލުމަށްފަހު ފައުންޑޭޝަން އިން ނަރސިން ކޯހުގައި ބައިވެރިވީ އުފަލާއި ހިތްހަމަޖެހުމާއެކުއެވެ. އަދި އުއްމީދާއި ނުގުޑާ ޢަޒުމެއްގައި ހުރެއެވެ.
މަންމައާ ވަކިން ކުރި ފުރަތަމަ ދަތުރު
ޝާއިނާގެ ހަގަށް މަންމަގެ ތުއްތު ދަރިއަކު ހުއްޓެވެ. އެހެންކަމުން މަންމައަށް މާލެ ދެވެން ނެތުމުން ޝާއިނާއަށް މާލެދާންޖެހުނީ ދޮންދައިތައާއެކުއެވެ. އެދުވަހަކީ އޭނާއަށް ދުވަހަކުވެސް ހަނދާންނައްތާލެވޭނެ ދުވަހެއް ނޫނެވެ. މަންމައާ ދުރަށް ދިޔުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ.ހަމަ އެފަދައިން ޝާއިނާގެ މަންމައަށްވެސް އެދުވަސްވެގެން ދިޔައީ ހިތްދަތި ދުވަހަކަށެވެ. ދަރިފުޅަށް ކޯސްލިބި، ކިޔަވަން ފުރުޞަތު ލިބުމުން އެވީ އުފަލަށްވުރެ ބޮޑަށް ދަރިފުޅު އެތައް ދުވަހަކަށް ލޯމަތިން ގެއްލޭތަން ދެކެން އެ މަންމަގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. ނުދަންނަ ބައެއްގެ ތެރެއަށް ފޮނުވާލަން ހިތަށް ކުޅަދާނައެއް ނުވިއެވެ. ނަމަވެސް މަންމަގެ ހިތުގެ އުދާސްތައް އެއްފަރާތްކޮށްލާފައި، މަންމަ ވިސްނީ ޝާއިނާގެ ހުވަފެންތަކާމެދުގައެވެ. އޭނާގެ އުއްމީދުތަކާމެދުގައެވެ. އަދި މުސްތަޤްބަލާމެދުގައެވެ.
" ވަރަށް ދެރަވި ދުވަހެއް އެއީ! ގާތުގަ އަބަދު އުޅެއުޅެފަ ދުރަށް ފޮނުވާކަށްވެސް ބޭނުމެއްނުވި!އެކަމަކުވެސް އެއީ ޝާއިނާގެ ވަރަށް ބޮޑު އުއްމީދަކަށްވާތީ ހުރަސް ނޭޅީ! އެދުވަސްވަރު އަޅުގަނޑު އުޅުނީ ހަމަނިދި ނުލިބި! އެއީ ރަށުތެރޭގައި ހިނގަންގޮސް އުޅޭ ކުއްޖެއްނޫން! ކޮންމެ ތާކަށް ދިޔަސް ދާނީ ހަމަ އަޅުގަނޑާއެކު! އެހެންވެ އެދުވަހު ވަރަށް ދެރަވި! " ޝާއިނާގެ މަންމަ
ޝާއިނާ އެންމެ ފުރަތަމަ ކިޔަވަން މަޑުކުރީ ކިޔަވާކުދިން ބަހައްޓަައިދޭ ގެއެއްގައެވެ. މާލޭގައި ކުދިން ބަހައްޓާ ގެއަކުން ޖާގަ ހޯދީ ފޮނި އުއްމީދާއެކުއެވެ. އަރާމުގައި އުޅެވޭނެކަމަށް ހީކޮށެވެ. ނަމަވެސް އުޅެން ޖެހުނު ތަން ފެނުމާއެކު އުއްމީދުތައް ނާއުއްމީދުން ފުރުނެވެ. ހަމައެއާއެކު އެކަނިވެރިކަން އިޙްސާސްވެ، މަންމަމަތިން ހަނދާންވާންފެށިއެވެ. އެއީ ކުޑަކޮޓަރިއެކެވެ. ކައިރިކައިރީގައި ދެތިން އެނދު ބަހައްޓާފައި ހުރި އިރު ކޮންމެ ކުއްޖަކަށްހުރީ ކުޑަކުޑަ ގޮޅިއެއް ވަރުގެ ކަބަޑެކެވެ. ޝާއިނާއަށް ކަބަޑުގަނޑެއް ހުސްކޮށްލަދިނީވެސް އެ ކޮޓަރީގައި އުޅޭ އެހެން ކުއްޖެކެވެ. ނިދަން ދެއްކި އެނދުގައި ބެޑްޝީޓެއް ނެތުމުން، އެވެސް ހޯދައިދޭން އުޅުނީ އެހެން ކުއްޖެކެވެ. ތަނުގެ ޙާލަތު ފެނި، ބޭއިޙްތިޔާރުގައި ޝާއިނާއަށް ރޮވެންފެށިއެވެ. މިތާ މިއުޅޭ ކޮންމެ ކުއްޖަކީވެސް ޝާއިނާ ފަދައިން ކިޔަވަން އައިސް ތިބި ކުދިންނޭ ހިތަށްއެރިއެވެ. އެކުދިން އެއުޅޭ ޙާލު ފެނި އިތުރަށް ޝާއިނާގެ ހިތަށް އަސަރުކުރުވިއެވެ. އެދުވަހު އިރުގަނޑެއްވަންދެން އޭނާއަށް ރޯން އިނދެވުނެވެ. އެތަނުގައި އިތުރަށް މަޑުކުރަން ބޭނުން ނުވެގެން ދޮންދައިތައަށް ގުޅައިގެން ހަމަ އެދުވަހު އެމީހުން ކުއްޔަށް ހިފާފައިވާ ކޮޓަރިއަށް ބަދަލުވީއެވެ. މާލޭގައި ފުރަތަމަ ދުވަސް ހޭދަވީ މިފަދަ ހިތްދަތި ގޮތަކަށެވެ.
ކިޔަވަން ހުންނާނެ ތަނެއް ހޯދުން
ލިބިފައި އޮތް ކޯސް ދޫކޮށްލާކަށް އޭރުވެސް އޭނާ ބޭނުމެއްނުވިއެވެ. ކިޔެވުން ނުފެށި އުޅެނިކޮށް ރަށަށް ދާކަށްވެސް ބޭނުމެއްނުވިއެވެ. ކޮންމެ ޙާލެއްގައިވެސް އޭނާ ބޭނުންވީ ކިޔަވާށެވެ. ރަށުމީހުން ތިބޭ ގޭގެއަށް ގުޅައިގެން މަންމަމެންވެސް ޖާގައެއް ލިބޭތޯ ބަލަމުން ދިޔައެވެ. ނަމަވެސް އެންމެ ފުރަތަމަ ދެވުނު ގެއިން ފެނުނު މަންޒަރުތަކުން، މަންމަގާތު ފިޔަވާ، އުފަލުގައި އުޅެވޭނެ އެއްވެސް ތަނެއް ނުވާނެކަން ޝާއިނާއަށް ޔަޤީންކުރެވުނެވެ. މަންމައާ އާއިލާގެ އެހެން މީހުންގެ މަސައްކަތުން ރަށުމީހަކު ދިރިއުޅޭ ގެއަކުން ޝާއިނާއަށް ޖާގަ ލިބުނެވެ. ރަށުމީހެއްގާތު ހުރެވޭތީ، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އޭނާއަށް ލިބިގެންދިޔައެވެ. އެގޭ ދައްތަގެ ހެޔޮކަން އަދިވެސް ޝާއިނާ ހަނދާންކުރެއެވެ.
އާއިލާގެ މާލީ ޙާލަތު ހުރިގޮތުން، އުޅެން ޖެހުނު ދަތިޙާލު
ކޯސްހަދަން ފެށިއިރުގައިވެސް ޝާއިނާގެ މަންމައަކީ ބަލިމީހެކެވެ. އަހަރަކު ދެފަހަރު މާލެއައިސް، ކުލީ ކޮޓަރި ހިފައިގެން އެތައް ދުވަހަކު ތިބެން ޖެހެއެވެ. ބައްޕަގެ އަތްމަތި ދަތިވެ، ބޭބެމެން އަތުން ލިބޭ ފައިސާ ރައްކާކޮށްގެން ޝާއިނާ އުޅެމުންއައީ ކިރިޔާ ފުދިގެންނެވެ. ގޭގެ ކުއްޔާ ކޯހުގެ ޚަރަދުތައް ބެލެހެއްޓުނީވެސް ބޭބެމެންނާ އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމުންނެވެ.ލިބޭ ހުސްވަގުތުގައި ކޮލެޖްގެ ކެންޓީނުން އެހެން ކުދިން މީރު އެއްޗެހިކާއިރު، ޝާއިނާ އަންނަނީ ގެއަށެވެ. ކިތަންމެ ދުރަސް، ހިނގާފައި އަންނަނީ، އަރާމުގައި، ފިނީގައި ކާރުގައި އިންނަހިތް ނުވާތީއެއް ނޫނެވެ. އެކަމަށްވެސް ފައިސާ ޚަރަދުކުރަން ބޭނުން ނުވާތީއެވެ. ކޮންމެ ފަހަރަކު މީރު އެއްޗެއްސެއް ކާކަށް ނުހުރެއެވެ. ނަމަވެސް ދުވަހަކުވެސް ގެއަށް އޯޑަރކޮށްގެން ކާއެއްޗެހި ގެނެސްގެން އޭނާ ނުކައެވެ. މީރުވަސްދުވާ ސެންޓާ ރީތިހާ ހެދުމެއް ނުހޯދައެވެ. ލިބޭ މިންވަރަކުން ޝުކުރުކޮށްގެން ކެތްތެރިކަމާއެކު ދުވަސްތައް ހޭދަކުރީ އެދުވަސްތައް އަވަހަށް ހިނގައިދާނޭ ހީކުރަމުން ހިތްތިރިކަމާއެކުއެވެ. ނަމަވެސް އެދުވަސްތައް ދުވަހަކުވެސް އޭނާގެ ހަނދާނަކުން ނުފިލިއެވެ.
މަންމައާވަކިން އުޅެން ޖެހުމުން ތަޙައްމަލްކުރަންޖެހުނު ހިތްދަތިކަން
ޝާއިނާގެ ހުރިހާވެސް މީހަކީ މަންމައެވެ. މަންމައާ ދުރުގައި އުޅެން ޖެހުން ވެގެން ދިޔައީ ޝާއިނާއަށް އުނދަގޫކަމަކަށެވެ.ޚާއްސަކޮށް ބަލިވުމުން މަންމަގެ އޯގާތެރިކަން އިންތިހާއަށް ހަނދާންވެއެވެ. މަންމަގެ އެހީތެރިކަމަށް ކިތަންމެހާވެސް އެދެވެއެވެ. މަންމަ ފިރުމާލާފަދައިން ފިރުމާލާނެ ދެވަނަ މީހަކު ނުހުންނާނެއެވެ. ބަލިވެ، އެޑްމިޓްކުރާ ފަހަރުވެސް އާދެއެވެ. ބަނޑުހައިވުމުން ކޯއްޗެއްތޯ ކައްކައިދޭންވީ މަންމަ އަހާލާ ފަދައިން އަހާލާނެ އިތުރު މީހަކު ނުހުންނާނެއެވެ. ހުރިހާ ތަކުލީފެއްވެސް އުފުލަން ޖެހުނީ އެކަނިމާއެކަންޏެވެ. ގާތުގައި މަންމަ ނެތްކަމުގެ އިޙްސާސް އަބަދުވެސް ކުރެވުނެވެ. މަންމައާ ޝާއިނާއާ ދެމެދު އުފެދިފައިވާ ޚާއްސަ ގުޅުމުގެ ސަބަބުން، ދުރުގައި އުޅުމަކީ ވަރަށް ހިތްދަތިކަމެކެވެ. ބައެއް ފަހަރު ގޭގެ ބެލްކަނީގައްޔާއި ލައިބްރަރީގައި އިނދެގެންވެސް ހިތްހަމަ ޖައްސާލަން ރޯލަމެވެ. އެދުވަސްތައްވެސް ހިނގައިދާނޭ ހިތަށް އަރާ އަމިއްލަ ނަފްސަށް އެތައް ފަހަރަކު ވިސްނައިދޭންޖެހެއެވެ. ލޯބިވާ މާމަވެސް ނިޔާވީ، މާމަ ނުފެނި އެތައް ދުވަހެއް ވެގެން ދަނިކޮށެވެ. ދުރުގައި ހުއްޓާ މާމަގެ ވަކިވެދިޔުން ހިތުން ފިލުވައެއް ނުލެވުނެވެ.
ކޯހުގެ އެންމެ އުނދަގޫ މަރުޙަލާ
ކޮމާސް ސްޓްރީމް ކިޔަވައިގެން، ނަރސިންގ ހެދުމަކީ އުނދަގޫކަމެއްކަން އިޙްސާސްވާންފެށިއެވެ. ގްރޭދް 10ގައި އުޅެނިކޮށް ސްކޫލްގެ ސުޕަވަައިޒަރ ކުރެއްވި ސުވާލު އަދިވެސް ޝައިނާގެ ހިތުގައި ހަރުލާފައި އެބަހުއްޓެވެ.
" އެދުވަހު ސަރ ސުވާލުކުރެއްވި ކޮން ދާއިރާއަކުންތޯ ކުރިއަށްދާން ބޭނުންވަނީ! ދެން އަޅުގަނޑު ބުނިން ނަރސް އަކަށްވާން ބޭނުންވެޔޭ! އެހިސާބުން ސަރ ހައިރާންވެލައްވާފައި ބުނުއްވީ ޝައިނާ ސްކޫލްގައި ހޭދަކުރި 10 އަހަރު މުޅިން ބޭކާރެއް ނޫންހޭ ތިވީ! އަސްލުއެއީ އަޅުގަނޑު ސައިންސްގެ އެއްޗެއް ކިޔަވަން ޤަސްތުކޮށްގެން ހުރީމަ ސަރ ބުނުއްވި އެއްޗެއް! އަސްލު ހަމަ ވަރަށް ބޮޑަށް އުނދަގޫވި! އެއް އަހަރު ދުވަހުން ސައިންސް ސްޓްރީމް ކިޔަވަން މިޖެހެނީ ފައުންޑޭޝަން ކޯހުގަ.."
ސްޓޫޑެންޓް ނަރުހެއްގެ ގޮތުގައި އައިޖީއެމްއެޗްގައި ޕްރެކްޓިކަލްގައި އުޅެނިކޮށް، ކުރިން ދެންނެވި މުދައްރިސާ ބައްދަލްވުމުންވެސް ޝާއިނާ އުފާވިއެވެ. ކޯހުގެ ކިޔެވުމާ ގުޅިގެން އެތައް ވާހަކަތަކެއް މުދައްރިސާ ދެކެވުނެވެ. އެދުވަހުވެސް، އަމިއްލަ މަސައްކަތާމެދު ފަޚުރުވެރިވެ، ނުހަނު އުފާވެރިކަން އޭނާއަށް އިޙްސާސްކުރެވުނެވެ.
ޕްރެކްޓިކަލްއަށް ހުޅުމާލޭ ހޮސްޕިޓަލަށް ދަތުރުކުރަން ޖެހުން ވެގެން ދިޔައީ ނުހަނު އުނދަގޫ ކަމަކަށެވެ. ކިތަންމެ ގަދަޔަސް ފެރީގައި އެކަނި ދަތުރުކުރިއެވެ. އޭގެ އިތުރުން އައިޖީއެމްއެޗް އަދި އޭޑީކޭގައިވެސް މަސައްކަތްކުރަންޖެހުނެވެ. ހިނގާފައި އުޅެން ޖެހުމުގެ ސަބަބުން އެތައް ވަގުތެއް އެކަމަށް ހޭދަކުރަން ޖެހުނެވެ.
ޝާއިނާ، ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޚިދުމަތުގައި،
ޒަވާޖީ ޙަޔާތެއް ފެށުން
އެކަނިވެރިކަމާއެކު ކިޔެވުމުގެ ދުވަސްތައް ހޭދަކުރަމުންދަނިކޮށް އެކުގައި ދިރިއުޅެން ޝާއިނާގެ އަތުގައި ހިފާލި ބައިވެރިޔާ އޭނާގެ މުޅި ދިރިއުޅުން އުޖާލާކޮށްދިނެވެ. ކިޔެވުމުގައި ހުރި އުނދަގޫތައް އޭނާގެ އެހީތެރިކަމާއެކު ފަސޭހަވެގެންދިޔައެވެ. ފިރިމީހާއަކީ ސައިންސް ސްޓްރީމް ކިޔަވައި އޭލެވެލްގެ ޓޮޕްޓެންގައިވެސް ހިމެނިފައިވާ މީހެކެވެ. އެހެންކަމުން ބޭނުންވި ކޮންމެ ހިނދެއްގައި އޭނާގެ އެހީތެރިކަން ޝާއިނާއަށް ލިބުނެވެ. ކިޔެވުމުގައި އޭނާގެ އެންމެ ބޮޑު އެއް ހިތްވަރަކީވެސް އެއީއެވެ. އެންމެ އަހަރަކުން ގްރޭޑް 10ގެ ފެންވަރަށް ސައިންސް ސްޓްރީމް ކިޔެވުމަކީ ފަސޭހަކަމެއްނޫނެވެ. މިކަމެއް ނުވާނޭ ބުނެ، ކިޔެވުން ހުއްޓާލަން ބޭނުންވާ ކޮންމެ ފަހަރަކު އަތުގައި ހިފާ ކޮޅަށް ނަގަނީވެސް އޭނާއެވެ. މިއަދު އޭނާގެ ކާމިޔާބީގެ ފަހަތުގައިވާ އެއް މޭސްތިރިއަކީވެސް ޚުދު އޭނާ ލޯބިވާ ފިރިމީހާއެވެ.
ކައިވެންޏަށްފަހު ދެމީހުންނަށްވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އުޅޭނެ ތަނެއް ނެތުމެވެ. ބަޔަކު ދިރިއުޅޭ އެޕާރޓްމަންޓަކުން ކުއްޔަށް އެއްކޮޓަރި ނަގައިގެން ބަދިގެ ޝެއާރ ކޮށްގެން އުޅެންފެށީ އެގޮތް ފަސޭހަވެގެންނެއް ނޫނެވެ. ދެމީހުން ކިޔެވުމައިގެން ކުރިއަށްދިޔައީ ހިތްވަރާއެކުއެވެ. ނަމަވެސް ޙާލަތު ބަދަލުވާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ވީނުވީއެއް ނޭނގި އެގޭ "ދައްތަ" ފާޅުގައި އެއްޗެހިކިޔާ ހަދަން ފަށައިފިއެވެ. އޭނާގެ ނުރުހުން އަމާޒުވާން ފެށުމުން އަނެއްކާ އެގެއިން ނިކުމެ އެހެން ތަނެއް ހޯދަން ޖެހުނެވެ. ފިރިމީހާއަށް ލިބޭ މުސާރަ ހުސްވަނީ ކުއްޔަށާއި ބިލްތަކަށެވެ. އާއިލާގެ އެހީތެރިކަމާއެކު ފުދިގެން އުޅެވޭތޯ ޝާއިނާ ނުހަނު މަސައްކަތްކުރިއެވެ. އެދުވަހުވެސް އޭނާގެ އަތުގައި ހިފީ އޭނާގެ ލޯބިވާ އާއިލާއެވެ. ޝާއިނާ ޤަބޫލުކުރާގޮތުގައި އޭނާއަށް ކާމިޔާބު މީހަކަށް ވެވި، ހިތްވަރާ ކެތްތެރިކަން ލިބުނީ އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުމާ އެހީތެރިކަމުންނެވެ. ކިތަންމެ ކުޑަ އާއިލާއެއް ނަމަވެސް އެ ހިތްތަކުގައިވާ ލޯތްބާ ކުލުނަކީ ވަރަށް ވަރުގަދަ އެއްޗެކެވެ.ޝުކުރުވެރިކަމާއެކު މިއަދާ ހަމައަށްވެސް ޝާއިނާ އެކަން ބަލައިގަނެއެވެ.
ފަޙުރުވެރިވި ދުވަހެއް
އަހަރަކަށްފަހު އަހަރެއް ފާއިތުވަމުން ގޮސް ޑިޕްލޮމާ ނިންމާލުމަށް 5 އަހަރު ދުވަސް ޝާއިނާ މާލޭގައި ހޭދަކުރަންޖެހުނެވެ. އެ އަހަރުތަކަކީ އޭނާގެ ޙަޔާތުގައި އެތައް ކުލައެއްޖެހިފައިވާ އަހަރުތަކެކެވެ. ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާ އެތައް ކަމަކާ ކުރިމަތިލާންޖެހުނެވެ. ހިތްދަތިކަމާ، ދަތި އުނދަގޫތަކަށް ކެތްކުރަންޖެހުނެވެ. ނަމަވެސް އެ ހުރިހާ ކަމެއް ތަޙައްމަލްކުރަމުންގޮސް ކިޔެވުން ފުރިހަމަކުރިއެވެ. މަންމައާބައްޕަ އަދި އާއިލާ ފަޚުރުވެރިވާފަދަ ދަރިއަކަށްވާން އެދުވަހު ކަނޑައެޅި ޢަޒުމުގައި ހުރެ، ޝާއިނާ ކުރި ދަތުރުގައި މިއަދު އޭނާއަކީ އެންމެންގެ ލޯބި ލިބިފައިވާ ހިތްހެޔޮ ތަޖުރިބާކާރު ނަރުހެކެވެ. އެދުވަހު މަންމައާ އާއިލާއާ ދުރަށް ރޮމުން ފުރައިގެން ގޮސް، ފަސްއަހަރު ދުވަހަށްފަހު އެނބުރިއައީ ރަށުގެ ސިއްޙީމަރުކަޒުގެ ނަރުހެއްގެ ގޮތުގައެވެ. ކެތްތެރިކަމާ ނުގުޑާ ޢަޒުމަކީ އެއީ ނޫންތޯއެވެ.
ނަރުހުންގެ ޔުނިފޯރމްގައި ތިބެ، މަސައްކަތްކުރަމުންދާ ކޮންމެ ނަރުހަކުވެސް ޝާއިނާ ފަދައިން އެތައް ކަމެއް ތަޖުރިބާކޮށްފައިވާނެކަން ޔަޤީނެވެ. އެ އުނދަގޫ ކޯސް ފުރިހަމަ ކުރާއިރު، އާއިލާއާ ލޯބިވާ މީހުންނާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހެއެވެ. އެތައް ފައިސާއެއް ޚަރަދު ކުރަން ޖެހެއެވެ. އެކި މީހުން ތަޖުރިބާކުރާނީ އެކި ކަންކަމެވެ. ގައިމުވެސް ނަރުހުންގެ ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ.
ނަރުހުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ލޮބުވެތި ނަރުހުންނަށް އަރިސްކުރަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!