ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

Ad
rt

1335 މީހުންގެ އާބާދީއެއް އޮންނަ ށ. ފޭދޫއަކީ ބިމުގެ ޖާގަ ތަނަވަސް، ގާމަތީ ރަށެކެވެ. އަފި އެ ރަށަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. އެގޮތުން މޫސުން ގޯސް ދުވަސްވަރު، ރަށު ބަނދަރު ބޭނުންކުރުމަކީ އޮޑިފަހަރުތަކަށް ދަތި އުނދަގޫކަމަކަށް ވަނީ ވެފައެވެ.

މީގެ އިތުރުން ބަނދަރުގައި އުޅަނދުފަހަރު ގިނަވަމުންދިޔުމާއެކު، ބަނދަރުގެ ޖާގަވެސްވަނީ ރަށުގެ ބޭނުންތަކަށް ފުދޭވަރަށްވުރެ ކުޑަވެފައެވެ. ހަމައެހެންމެ ކޮޅުވެއްޓިފަދަ އުޅަނދުފަހަރު ކައިރިކުރާނެ ރޭމްޕެއް ނެތުމާއެކު، އެފަދަ އުޅަނދުތަކަށްވެސް މުދާ އަރުވައި ބޭލުމުގައި ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

ނަމަވެސް ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މިހާރު ނިމިފައިވުމާއެކު، މި ރަށުގެ ރައްޔިތުންނަށް މިވަނީ ކުރިޔަށްވުރެ ޖާގަ ތަނަވަސް، ޒަމާނީ ބަނދަރެއް ލިބިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ޓީ-ޖެޓީއެއް އިތުރުވެ، ކޮޅުވެއްޓިފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، އުޅަނދުފަހަރު ފަސޭހައިން ގާތްކޮށް، ލަފައިފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ފޭދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 25،456 ކޮޑިމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 9،000 ކޮޑިމީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 280 މީޓަރުގެ އެއްގަމުތޮށި ލުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 317 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެ އިތުރުން، 1،782 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މޫރިން ބޯއީސް ހަރުކުރުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ކޮށްފައެވެ.

ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 35.67 މިލިއަން ރުފިޔާއަށެވެ.