ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް ފުރައިފިއެވެ.

މިއީ މަސްވެރިންނަށް ހާއްސަކޮށްގެން ބާއްވާ 'ދަ ޕްރޮޖެކްޓް ފޯ ދަ ޕްރޮމޯޝަން އޮފް ބުލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓާ' ގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ.

Ad
rt

ފިޝަރީޒް މިނިސްޓްރީ އާއި ޖަޕާނު އިންޓަނޭޝަނަލް އެޖެންސީ (ޖައިކާ) ގުޅިގެން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ދިވެހި ހަ މަސްވެރިއަކު ބައިވެރިވެފައިވާއިރު، މިއީ 20 ދުވަހުގެ މުއްދަތައް ކުރިއަށް ދާ ތަމްރީން ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މަސްވިއްކުމުގައި ޖަޕާނުގައި އަމަލުކުރަމުން ދާ ގޮތްތައް ބަލައި އެ ގައުމުގެ މަސްވެރިކަން މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ދިވެހި މަސްވެރިން ދޮށީގައާއި އަތު ނަނުގައި ކުރަމުންދާ މަސްވެރިކަމުގައި ބާނާ ކަނޑުމަހުގެ ކޮލިޓީ ރަނގަޅުކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެންވެރިކަމުގައި ދިމާވާ ބައެއް މައްސަލަތަކަށް ހައްލު ހޯދުމުގެ ތަމްރީނާއި ރަށު ފެންވަރުގައި މަހާއި މަހުގެ އުފެއްދުން ތައްޔާރު ކުރަމުންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ތަރައްގީ ކުރާނެ ގޮތުގެ މައުލޫމާތު ވެސް ދިނުމަށް ހަމަޖެހިފައި ވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި ކޮންމެ އަހަރަކު ދިވެހި މަސްވެރިން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުގައި ގދ. މަޑަވެލި 'ކަމަނަ ދޯނި', އދ. މަހިބަދޫ އަސުރުމާ 3, އަސަރީ ދޯނި, ޒޫމް ފިޝާ، އަސުރުމާ 2, އަދި ބ. ތުޅާދޫ ހައިޝަމް ދޯނީގެ މަސްވެރިންގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.