މޫސުމީ ފިޔަވަޅު އިތުރުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ތިމަވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީި މިހާރު ކުރިޔަށްދާ 7 ވަނަ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޝައުނާ ވިދާޅުވީ މޫސުމީ ކަންކަމުން އަރައިގަތުމަށް ރާއްޖެއިން ކުރެވެންހުރި ހުރިހާކަމެއް ކުރަމުންދާ ކަމަށާއި އެގޮތުން ޖަޒީރާ ރަށްތަކުގެ އައްސޭރިފަށާއި، ގޮނޑުދޮށް ގިރުމުގެ މައްސަލަތަކުން ރައްކާތެރިކުރުމަށް އެކި މަޝްރޫއުތައް ހިންގަމުންދާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ޝައުނާ ވަނީ ސާފު ބޯފެން ފޯރުކޮށްދީ، ފެންބޮޑުވިޔަ ނުދިނުމަށް ވެސް ސަލާމަތީ ފިޔަވަޅުތައް އަޅަމުން އަންނަކަން ފާހަގަކުރައްވައި، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ރާއްޖޭގައި މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

"މޫސުމީ ކާރިސާތަކުގެ އަސަރު ރާއްޖެއަށް ކެނޑިނޭޅި ކުރިމަތިވަމުންދާއިރު، ދުނިޔެއިން ރާއްޖެ ސަލާމާތްކުރަން އަންނާނެކަމަށް ނުބަލައި ދިވެހިން މަސައްކަތްކުރަނީ އެކަންކަމުގެ އަސަރު ކުޑަކުރުމަށް. ރާއްޖެއިން އެކަނި މި މަސައްކަތް ކުރިނަމަވެސް ކާމިޔާބު ނުލިބޭނެ. ހުރިހާ ޤައުމެއްވެސް ގުޅިގެން އެކުގައި މަސައްކަތްކުރަންޖެހޭ. އެހެންނޫނީ މިފަދަ ކާރިސާތަކުން ރާއްޖެ ވެސް އަދި ރާއްޖެފަދަ ކުދި ގައުމުތައް ވެސް ނެތިދާނީ." ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ ދުނިޔޭގެ ކޮންމެ ހިސާބަކުން މި ސަމިޓަށް ދަތުރުކުރިކަމުގައިވިޔަސް ހުރިހައި ބައިވެރިންނަށް ވެސް މޫސުމީ ކާރިސާތަކުގެ މައްސަލަ އެއްވަރަކަށް ކުރިމަތިވާނެ ކަމަށާއި އެކަމާއި އެއްވެސް މީހަކު ދެބަސްވެވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މޫސުމީ ކާރިސާތަކަކީ ހަމައެކަނި ތިމާވެއްޓަށް ދިމާވާ މައްސަލައެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ އިޤްތިޞާދަށާއި ސަލާމަތަށްވެސް އޮތް ނުރައްކަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ޝައުނާ ވަނީ މިކަމުން އަރައިގަތުމަށް ދެމެހެއްޓެނިވި މަސައްކަތްތަކެއް އެންމެން ގުޅިގެން ކުރެއްވުމަށް ގޮވައިލައްވާފައެވެ.