ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއެކު މަސައްކަތްކުރުމަށް އެ ޕާޓީން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)އަށް ދީފައިވާ ދައުވަތާއިގުޅިގެން އެކަމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ރޭ ބާއްވައިފިއެވެ.
މި ބައްދަލުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވީ އެ ޕާޓީން ކޯލިޝަން މަޝްވަރާތަކަށް އެކުލަވާލާފައިވާ ކޮމެޓީގައި ހިމެނޭ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް އާއި ސްޕެޝަލް އެޑްވައިޒަރ، ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޟް ރަޝީދާއި އަދި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިންނެވެ.
މި ބައްދަލުވުމުގައި އެމްޓީޑީން ބައިވެރިވީ ޖޭޕީން ދިން ދައުވަތާއި ގުޅިގެން އެ ޕާޓީއާ މަޝްވަރާ ކުރަން އެމްޓީޑީން އެކުލަވާލި ކޮމިޓީގައި ހިމެނޭ ތިން މެންބަރުންނެވެ. އެ އެ މެންބަރުންނަކީ އެމްޓީޑީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފް އާއި، އެ ޕާޓީގެ ސީނިއަރ ކައުންސިލް މެންބަރު އަބްދުލް ރަޝީދު ނާފިޒް އަދި ލީގަލް އެޑްވައިޒަރު މުހައްމަދު ހަލީމް އެވެ.
އެމްޓީޑީއާއެކު ޖުމްހޫރީ ޕާޓީން ހޯމަ ދުވަހުގެރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ޖޭޕީގެ ނައިބު ލީޑަރު ވިދާޅުވެފައިވަނީ މި ބައްދަލުވުމަކީ ރިޔާސީ އިންތިޚާބުގައި ގުޅިގެން ދެ މަސައްކަތްކުރުމަށް މަޝްވަރާކުރުމަށް ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުންކަމަށެވެ. އަދި މި ބައްދަލުވުމުގައި ކުރިއަށް އޮތް ބައްދަލުވުންތައް ކުރިއަށް ގެންދާނެގޮތަކާއި، އެމްޓީޑީން ފާހަގަ ކުރާކަންކަން ހުށަހެޅުން އޮތްކަމަށް ވިދާޅުވިއެވެ.
''ފުރަތަމަ މިއޮތީ ދެ ޕާޓީ އެކުގައި ކުރިއަށް ދިޔުމުގައި ތައާރަފްވުމެއް، މި ބައްދަލުވުމަށްފަހު އެ ބޭފުޅުންގެ މައިގަނޑު ހުށަހެޅުންތައް ނޫނީ ވިސްނުންތައް ލިބުނީމަ އޭގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ އަދި އިތުރު ބައްދަލުވުންތައް ބާއްވާނަން،'' އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ފެންނަ މަންޒަރަށް ބަލާއިރު ވަރަށް އުންމީދު އެބައޮތް ކަމަށާއި، އެމްޑީޓީއާއެކު ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތްކަމަށް ޤަބޫލުކުރެއްވޭކަމަށެވެ.
އަމީންގެ ވާހަކާގައި ވަނީ އަމީން އަންނަ ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާހީމް ވާދަކުރެއްވުމާމެދު ޝައްކުނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން، ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ޤާސިމް ދެއްވާފައިވާކަމަށް ވެސް އަމީން ވިދާޅުވިއެވެ.
މި ބައްދަލުވުމާގުޅޭގޮތުން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީޑީގެ ސީނިއަރ ކައުންސިލް މެންބަރު އަބްދުލް ރަޝީދު ނާފިޒް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެމްޓީޑީން ދެކެން ބޭނުންވާ އެންމެ ބޮޑު އެއްކަމަކީ، ތަފާތުކުރުމެއްނެތި ހުރިހާމީހުންނަށް ވެސް އިންސާފުވެރިގޮތެއްގައި ވެރިކަންކުރެވޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުވެފައި އޮތުންކަމަށެވެ. އަދި ޖޭޕީގެ ވެރިކަމެއް ގާއިމު ކުރެވޭނަމަ އެމްޓީޑީގެ ފުރަތަމަ ހުށަހެޅުމަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރާ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމެވެ. އެ ޕާޓީން ދަނީ އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދުގެ ފެކްޝަނާއެކު ވެސް މަޝްވަރާތައް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!