އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ކަވަރުކުރުމާއި ގެނެސްދިނުމުގައި، ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން، ނޫސްވެރިންނަށާއި މީޑިއާތަކަށް އިލްތިމާސް ކޮށްފިއެވެ.
އެމްއެމްސީ އިން ނެރުނު ނުސް ބަޔާނެއްގައި ބުނީ މިފަދަ ޚަބަރާއި މައުލޫމާތުތަކަކީ، އެ މައުލޫމާތު ގެނެސްދެވޭގޮތުން، އެހެން މީހުންނަށް އެފަދަ އަމަލުކުރުމަށް ހިތްވަރު ލިބިދާނެ ކަންކަން ކަމަށެވެ. އަދި ޝައުގުވެރިކުރުވަފާނެ ފަދައިން މައުލޫމާތު ގެނެސްދެވިދާނެ ދާއިރާއަކަށްވާތީ އެކަމަށް ނޫސްވެރިންނާއި މީޑިއާތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.
"ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަނޑުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "އަމިއްލައަށް މަރުވުމާއ، ޖިނާއީ ކުށްތަކާ ބެހޭ މަޢުލޫމާތު ޝާއިޢުކުރާއިރު އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެ ކަންކަމުގެ މަޢުލޫމާތު ޝާއިޢުކުރުމުން ދުރުހެލިވާނެ އެވެ." މިފަދައިންނެވެ.
އެހެންކަމުން، ޚާއްސަގޮތެއްގައި އެފަދަ ޚަބަރެއްގައި ކުޑަކުދިންގެ މައުލޫމާތު ހިމެނޭނަމަ، ކަމާގުޅޭ އެންމެހައި ޤާނޫނުތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެކުދިންގެ ކަރާމާތް ގެއްލޭފަދަ އެއްވެސް މައުލޫމާތެއް ޝާއިޢުކުރުމަކީ އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ކުޑަކުދިން އަމިއްލައަށް މަރުވާ ޚަބަރުތައް މީޑިއާގައި ރިޕޯޓް ކުރުމަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި އެގޮތުން މީހުން އަމިއްލައަށް މަރުވާ މައްސަލަތަކުގެ ޚަބަރު ގެނެސްދިނުމަކީ އެފަދަ ކޭސްތައް އިތުރުވާ ސަބަބެއް ކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކާފަވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެފަދަ މައްސަލަތައް ރިޕޯޓް ކުރާއިރު މީޑިއާތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ބާރު އަޅާ ކަމަށް ވެސް ބުނެއެވެ.
ހަމަ އެހެންމެ، ނޫސްވެރިންގެ އަޚުލާޤީ މިންގަނޑުތަކާ އެއްގޮތަށް ޚަބަރު ފެތުރުމަށް ސަމާލުވެ، ޚަބަރު ރައްދުވާ ފަރާތްތަކުގެ ކަރާމާތް ހިފަހައްޓައި، އެފަރާތްތަކުގެ ޒާތީ ކަންކަމަށް އިޙުތިރާމްކުރުމަށް ވެސް އެމްއެމްސީ އިން އެދިފައި ވެއެވެ. އަދި ޚަބަރު ގެނެސްދިނުމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ފަރާތްތަކާ ދޭތެރޭ ހަމްދަރުދީ ވުމަކީ، މިފަދަ ހާލަތުތަކުގައި ބައިނަލްއަޤްވާމީ ގޮތުން ވެސް އަމަލުކުރެވޭ އެންމެ ރަނގަޅު މިންގަނޑުތައް ކަމަށް ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!