ހުޅުމާލޭގައި މަގުމަތީގައި ގޮނޑިއާ މޭޒު ޖަހައިގެން ވިޔަފާރި ނުކުރުމަށް އާބަންކޯއިން އަންގައިފިއެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް ދީފައިވާ ހުއްދައާ ޚިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭ ޚިދުމަތް ދެމުން އަންނަ މައްސަލަ ފާހަގަވެފައިވާ ކަމަށް ބުންޏެވެ.
އެ ކުންފުނިން ބުނީ މިކަމުގެ އުނދަގޫ އާންމުންނަށް ފޯރާތީ އެކަމުގެ ޝަކުވާވެސް ލިބޭ ކަމަށެވެ
މި މައްސަލާގައި ބެލި ބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން އަންނަކަން އެނގިފައިވާ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށްވެސް ކުރާ ކަންކަން ކަމަށެވެ. އެހެންވެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތައް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި އާންމުނަށް އުނދަގޫނުވާނެ ގޮތަކަށް ބައްޓަންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެޒ
ޓޭކްއަވޭ ވިޔަފާރިއާއި، ކެފޭ ޚިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެ އަކީ އެންމެން ވެސް ހިންހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައިކަން ފާހަގަކޮށް އާބަންކޯއިން ބުނީ އެފަދަ ޚިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އާންމުންނަށް އަދިވެސް ބޭނުންވާކަން މި ކުންފުންޏަށް ފާހަގަވެފައިވާތީ، އެފަދަ ފުރުސަތުވެސް ފަހިކޮށްދިނުމަށް ކުންފުނިން އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!