ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ލިބޭގޮތް ހަދައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ އެގޮތަށް ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.
ދިވެހިންނަށް މި ލިބިދިން ވިސާގެ ލުއިތަކުގެ ދަށުން ސައްހަ ޑިޕްލޮމެޓިކް، އޮފިޝަލް އަދި އޯޑިނަރީ ޕާސްޕޯޓް އޮންނަ ދިވެހިންނަށް ކެމްބޯޑިއާއަށް އެތެރެވެ، 30 ދުވަހަށް ތިބެވޭނެގޮތް ހަމަޖައްސާފައި މިވަނީ 16 ޖެނުއަރީ 2023 ގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ވިސާ އެކްސްޕެންޝަން އެއްބަސްވުމުގެ ދަށުންނެވެ.
މި އެއްބަސްވުމެއްގައި ސޮއިކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ދިގު މުއްދަތަކަށް މަޑުކުރަން ނުވަތަ ވަޒީފާ އަދާކުރަން ނުވަތަ ތައުލީމީ މަރުކަޒަކަށް ދާން ނުވަތަ ކެމްބޯޑިއާގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހިން ދަތުރުކުރުމުގެ ކުރިން އެކަށީގެންވާ ވިސާ އެއް ހޯދަން ޖެހޭނެއެވެ.
ދިވެހި ސަރުކާރުން ވިދާޅުވިގޮތުގައި ކެމްބޯޑިއާއަށް ވިސާ ލުއިކޮށްދިނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ފުރުސަތެކެވެ. އަދި މިއީ ރާއްޖެ އާއި ކެމްބޯޑިއާއަށް ގުޅުން ބަދަހިކޮށް، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް ހަރުދަނާ ބަޔަކަށް ފަހިކޮށްދޭނެ މުހިންމު ކާމިޔާބީ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!