އަންނަ ޖުލައި މަހުން ފެށިގެން ހިޔާ ފްލެޓްތަކުގައި ދިމާވާ މައްސަލަތަކުގެ ތެރެެއިން އާބަންކޯއިން ބަލަމުންގެންދާނީ، އެ އިމާރާތްތަކުގެ އާއްމު ތަންތަނާއި ވަސީލަތްތަކަށް ދިމާވާ މައްސަލަތައް އެކަނިކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން މިހާތަނަށް ދޫކޮށްފައިވާ ފްލެޓްތަކުގައި ދިމާވާ ފެން ލީކުވުމުގެ މައްސަލައާއި، ފާޚާނާ، އަދި ބެލްކަނީގެ ސްލޯޕްގެ މައްސަލަތުގެ އިތުރުން ފާޚާނާގެ ޑްރެއިން ބްލޮކްވުމާއި ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދިނުމުގެ މަސައްކަތް، ކޮންޓްރެކްޓަރުގެ ޑިފެކްޓިސް ލައިބިލިޓީ ޕީރިއަޑްގެ މުއްދަތު ހަމަވުމަށްފަހުވެސް ކުރަމުން ގެންދާކަމަށެވެ. އެ މުއްދަތު ހަމަވެފައިވަނީ 31 ޑިސެމްބަރު 2022ގައި ކަން ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

Ad
rt

އާބަންކޯއިން ބުނީ، ހިޔާ ފްލެޓް އެއްބަސްވުމުގެ 10ވަނަ މާއްދާގެ (ށ)ގައި، ފްލެޓާ ހަވާލުވާ ދުވަހުން ފެށިގެން ފްލެޓް ހުންނާނީ ގަންނަ ފަރާތުގެ ފުރިހަމަ ޒިންމާއާއި ބެލުމުގެދަށުގައިކަން ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް ހިޔާ ސަރަހައްދަކީ ބޮޑު އާދާބީއެއް ދިރިއުޅޭ ތަނަކަށްވެފައި، އެއްފަހަރާ ގިނަބަޔަކު ދިރިއުޅެެން ފެށުމުން ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުމުގެ މެއިންޓެނެންސް ޚިދުމަތް ވީހާވެސް ދިގު މުއްދަތަކަށް ފޯރުކޮށްދޭން ނިންމީ ކަމަށެވެ.

އެ ކުންފުނިން ފާހަގަކޮށްފައިވާގޮތުގައި މިހާތަނަށް ފްލެޓްތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ ކަންކަން ވަނީ ހައްލުކޮށްފައެވެ. އަދި މިހާރު އެ މައްސަލައްތައް ހުށަހަޅާ އަދަދު ވެސް ވަނީ މަދުވެފައެވެ.

އާބަންކޯއިން ބުނީ، ވަކިވަކި ފްލެޓުތަކުގެ މައްސަލަތައް ހައްލުކޮށްދިނުމަށް ދެމުން އައި ޚިދުމަތް 30 ޖޫން 2023 އާ ހަމައަށް ހުއްޓާލާނެކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.