މާލޭގެ ގޭބީސީތަކަށް ތިމާވެއްޓާ ރައްޓެހި ގިނަފަހަރު ބޭނުންކުރެވޭ ފޮތި ކޮތަޅު ބަހަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

Ad
rt

މިއަދު ބޭއްވި ޖަލްސާގައި ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް މާލެ ސިޓީ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު އެ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކަށް ގޮސް ބަހާގޮތަށެވެ.

މިކަމާއި ގުޅިގެން މި ޖަލްސާގައި މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެސިޓީ ކައުންސިލުގެ ބޭނުމަކީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުން ކަމަށާއި ތިމާވެށި ރައްކާތެރިކުރުމަށް އެކިކަހަލަ މަޝްރޫޢުތައް ހިންގުމަކީ އެ ކައުންސިލުގެ އެއް އަމާޒު ކަމަށެވެ. އަދި 25 ކޮތަޅު ހިމެނޭ ކޮތަޅު ޕެކްތަކެއް ގޭބީތަކަށް ބަހާނެ ކަމަށެވެ.

"މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 50 ހާހެއްހާ ގޭބީސީއަށް ކޮތަޅު ހަދިޔާ ކުރާނެ. މިކަމަށް 1.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ. އެއް ގޭބިސީ އަށް 25 ކޮތަޅު ދީފިއްޔާ ވަރަށް ގިނަ ދުވަހު ބޭނުން ކުރެވިދާނެ." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކޮތަޅުން ނަގާ ފީ ސަރުކާރުން ކުރިއަށް އޮތްތަނުގައި ކަނޑައިލިކަމުގައިވިޔަސް ތިމާވެއްޓަށް ވިސްނާނަމަ މިއީ ރަނގަޅު ކަމެއް ކަމަށާއި މީގެ ސަބަބުން ދުވަސްކޮޅަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާވެސް ލާފާނެ ކަމަށެވެ.

އެ ކައުންސިލުން ބަހަން ނިންމާފައިވަނީ އެކި ކަންކަމަށް އެކި ކުލަ ޚާއްޞަކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅެވެ. މި ކޮތަޅުތައް ހުންނާނީ ބާޒާރު ކުރުމުގައި ރައްޔިތުން އާންމުކޮށް ބޭނުންކުރާ މީޑިއަމް ސައިޒަށެވެ.