ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ފޯރަމްއެއް ބާއްވަން ނިންމައިފިއެވެ.

އެމްއެމްސީ އިން ބުނީ މިއީ އެ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ހަރަކަތެއް ކަމަށެވެ.

Ad
rt

މި ފޯރަމްގައި އެންމެ ޚާއްސަ އެއް ހަރަކާތަކީ މީޑިއާގެ މިނިވަންކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ދެ ދުވަހުގެ ފޯރަމް ކަމަށާއި މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މީރުބަހުރު މާލަމުގައި ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

އެމްއެމްސީ އިން ބުނީ މިއަދު ހަވީރު 4 ޖަހާއިރު ފަށާ މި ފޯރަމް މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު، މި ފޯރަމްގައި ޕެނަލް ޑިސްކަޝަން ވެސް އޮންނާނެ ކަމަށެވެ.

އެގޮތުން މިއަދުގެ ފުރަތަމަ ދަންފަޅީގައި "މާލީ މިނިވަންކަން ނެތުމުން ދިމާވާ ގޮންޖެހުންތަކާއި އުފެއްދުންތެރި ހައްލުތައް" މި މައުޟޫއަށް ސެޝަން ކުރިއަށް ގެންދަނީ ހަވީރު 4 ން 5:30 އަށް ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި މިރޭ 8:30 ން 10 އަށް ކުރިއަށްގެންދާ ދެވަނަ ސެޝަންގެ މައުޟޫއަކީ "ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަން ހިންގޭ ކަންކަމާއި ފިޔަވަޅު ނޭޅޭ މައްސަލަ" ކަމަށެވެ.

މީގެ އިތުރުން މާދަމާ މެންދުރު 2 ން ހަވީރު 4 ޖަހަންދެން ކުރިއަށް ގެންދާ ފޯރަމްގައި "ނޫސްވެރިންގެ ވާހަކަ (ނޫސްވެރިކަމުގެ 2021 ވަނަ އަހަރުގެ އެމް. އެމް. ސީ އެވޯޑް ލިބުނު އުފެއްދުންތައް އަދި ބްރޯޑްކާސްޓް އެވޯޑްސް 2022 ލިބުނު ބައެއް އުފެއްދުންތައް)" އޮންނާނެ ކަމަށާއި އެންމެ ފަހު ފޯރަމް ނުވަތަ ސެޝަން އޮންނާނީ މާދަން ރޭ 8:30 ން 10 ޖަހަންދެން ކަމަށް ވެސް އެމްއެމްސީ އިން ބުނެއެވެ.

އެންމެފަހު ސެޝަންގައި "މުއައްސަސާތަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން ދިމާވާ ގޮންޖެހުންތަކާއި ނޫސްވެރިންގެ އެތިކްސް މައްސަލަ" އަށް ބަލާލާއިރު، މި ފޯރަމްތަކުގައި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގެ ފުންނާބު އުސް، ތަޖުރިބާކާރު ފަރާތްތައް، އެފަރާތްތަކުގެ ތަޖުރިބާ އާއި ދިމާވެފަިއވާ ގޮންޖެހުންތައް ހިއްސާ ކުރައްވާނެ ކަމަށް ވެސް އެމްއެމްސީ އިން ބުނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ މި ފޯރަމަކީ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށާއި މިހާރުވެސް މިދާއިރާގައި އުޅޭ ފަރާތްތަކަށް ވަރަށް ބޭނުންތެރި ފޯރަމްތަކަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.