މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެގޮތުން މިމަހުގެ 6 ވަނަ އަދި 7 ވަނަ ދުވަހު ޒުވާނުންނަށް އަމާޒްކޮށްގެން ދޮށީގެ މަސްވެރިކަމުގެ މަސްދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަސްވެރިކަމުގައި، ޚާއްސަކޮށް ދޮށީގެ މަސްވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ދޮށީގެ މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކޮށް ޒުވާން މަސްވެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސް އާއި ގުޅިގެން ބާއްވާ ދޮށީގެ މަސްވެރިކަމުގެ މަސް ދަތުރެކެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާގެ އެކިއެކި ވަޞީލަތްތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް އަދި އެޞިނާޢަތްތަކުގެ އުފެއްދުންތަކާއި އެޞިނާޢަތްތަކާއިބެހޭ މަޢުލޫމާތުތައް ފުޅާ ދާއިރާއެއްގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފިޝަރީޒް އެކްސްޕޯ ގެ ނަމުގައި އެކްސްޕޯއެއް މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ެ 8 ވަނަ ދުވަހާ ހަމައަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއެކްސްޕޯ ހުޅުމާލޭ ހުރަވީ ސްކޫލް ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ 6 ޑިސެމްބަރ ވާ ހުކުރު ދުވަހު ހަވީރު 16:15 ގައެވެ.
މަސްވެރިންގެ ދުވަސް ފުޅާ ދާއިރާއެއްގައި ފާހަގަކުރަން ހަމަޖެހިފައިވާއިރު މިމަހުގެ 8 ން 9 އަކަށް މަސްވެރިންގެ ފޯރަމްގެ ނަމުގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާޢަތާއި ގުޅުންހުރި އެކިއެކި މަޢުލޫމާތު ފޯރުކޮށްދީ، މަސްވެރިކަމާއި ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރާނެ ގޮތާއިބެހޭ ގޮތުން މަޢުލޫމާތު ބަދަލުކުރުމާއި، މިސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމުގެ މަޤްޞަދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް ހޯލުގައެވެ. މިފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ 8 ޑިސެމްބަރ ވަނަ ދުވަހު ހެނދުނު 9:00 ގައެވެ.
މީގެ އިތުރުން ޑިސެމްބަރ 9 ވަނަ ދުވަހު އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ޤާއިމް ކޮށްފައިވާ ދަޅުމަސް ބަނދުކުރާ ފެކްޓްރީ ހުޅުވަންވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސް ކެޑުމުގެ މުބާރާތެއް ޑިސެމްބަރ 9 ވަނަ ދުވަހު ހަވީރު 17:00 ގައި ހުޅުމާލޭގައި އެންސިސްއިން ޤާއިމުކޮށްފައިވާ ދަޅުމަސް ބަންދުކުރާ ފެކްޓްރީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގެ އަންހެން އަދި ފިރިހެން ބައިންވެސް 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފަތިސް ނަމާދަށް ފަހު މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހާއްސަ ދުޢާއެއް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރާގޮތަށް ވަނީ ހަމަޖެހިފައިވާއިރު މާލޭގައި މިދުޢާ ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ މަސްޖިދް ޙަމަދު ބިން ޚަލީފާ އައްޘާނީގައެވެ.
އެއަށްފަހު މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފާހަގަކުރާ ރަސްމީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ފާކް ސަރަޙައްދުގައި 10 ޑިސެމްބަރު 2019 ވަނަ ދުވަހުގެރޭ 20:10 ގައެވެ.
މިޙަފްލާގައި މަސްވެރިކަމުގެ ސިނާޢަތަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ޝަރަފްވެރި އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން، 2018 ވަނަ އަހަރުގެ މަސްވެރިކަމުގައި ޙަރަކާތްތެރިވި ކުންފުނިތަކުގެ އަދި ދޯނިފަހަރުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރެވޭނެއެވެ.
މިއަހަރުގެ މަސްވެރިން ގެ ދުވަހާއި ގުޅުވައިގެން ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ަސްވެރިންގެ ދުވަހުގެ ޕްލެޓިނަމް ސްޕޮންސަރުންނަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަދި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑެވެ. ގޯލްޑް ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވެސް، ބޭންކް އޮފް މޯލްޑިވްސް އަދި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑެވެ. ސިލްވަރ ސްޕޮންސަރަކަށް ހަމަޖެހިފައިވަނީ ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!