ބެޑްޝީޓެއްގައި ފޮރުވައިގެން ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ޑީއެޗްއެލް މެދުވެރިކޮށް ގެނައި ޕާރުސަލެއްގައި ހުރި ބެޑްޝީޓްތަކެއްގައި ފޮރުވައިގެން 993 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާކުރީ އެތަކެއްޗާ ހަވާލުވި މީހާ އާއި އެތަކެއްޗާ ހަވާލުވާން އެދުނު މީހާ އާއި ދެވަނަ މީހާ ގާތު އެގޮތަށް އެދުނު މީހާގެ މައްޗަށެވެ.

Ad
rt

ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ހުކުމުގައިވަނީ އެ ޕާރުސަލާ ހަވާލުވާން ދިޔަ މީހާ ދިޔައީ ދެވަނަ މީހާ ބުނެގެން ކަމަށާއި އަދި ދެވަނަ މީހާ އެގޮތަށް ބުނީ ތިން ވަނަ މީހާގެ އެދުމުގެ މަތިން ކަމަށާއި އަދި ތިން ވަނަ މީހާ އެގޮތަށް އެދިފައިވަނީ ބިދޭސީއެއްގެ އެދުމުގެ މަތިންކަން ކަމަށެވެ.

ހުކުމުގައިވަނީ މަސްތުވާތަކެތި އެެތެރެކުރުމުގެ އަމަލީ މަސައްކަތްކުރީ ކާކުކަން ތަހުގީގަށް ހޯދިފައިނުވާ ކަމަށެވެ. އަދި ޕޯސްޓުން އެތެރެކުރާ ކޮންމެ ޕާރުސަލަކާ ހަވާލުވާން ދާ މީހުންނަކީ އޭގައި މަސްތުވާއެއްޗެއް ހުރިކަން އެނގޭނެ ބައެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ޕޯސްޓް މެދުވެރިކޮށް ޕާރުސަލްތަކުގައި މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް މިހާރަކަށް އައިސް ވަނީ އިތުރުވެފަ އެވެ.