ހަރުކަށި ފިކުރުގެ ނުފޫޒުތަކުން ޒުވާނުން އަހުލުވެރިކުރުމަށް ހަޔަރ އެޑިޔުކޭޝަނުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީޓީ) އަށް އެހީތެރިކަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް މަސައްކަތްކުރުމުގެ ނޭޝަނަލް އެކްޝަން ޕްލޭން މުރާޖައާ ކުރުމަށް ބޭއްވި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ހަރުކަށިފިކުރުގެ ނުރައްކާތަކުން ހައްލު ހޯދުމަށް ތައުލީމީ ނިޒާމު އަލުން ބައްޓަންކޮށް، މަތީ ތައުލީމުދޭ މުއައްސަސާތަކާ ގުޅިގެން ހަރުކަށި ފިކުރާއި ދެކޮޅަށް އެކްޝަން ޕެލޭންތައް އެކުލަވާލުމަށް އެެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ނުފޫޒުތަކުން ސަލާމަތްވުމުގެ މަގު ޒުވާނުންނަށް ފަހިކޮށްދޭން މިނިސްޓްރީން އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ހަރުކަށިފިކުރާ ދެކޮޅަށް މަޝްވަރާ ފޯރަމްތަކާއި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި އެއްބާރުލުން ދިނުން ކުރިއެރުވުމަށް ބާއްވާ ކޮންފަރެންސްތައް ފަދަ ފުރުސަތުތައް އިތުރުކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
" ހަޔަރ އެޑިއުކޭޝަންގެ ލީޑިންގ އޮތޯރިޓީގެ ހައިސިއްޔަތުން އަޅުގަނޑުގެ ވެސް ދައުރެއް އެބައޮތް. އަޅުގަނޑު ޔަޤީންކޮށް އަރުވަން އަޅުގަނޑުގެ މިނިސްޓްރީން އެންސީޓީސީއަށް އެހީތެރިވެދޭނެ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންނާއި މުޖުތަމައު ފިކުރީ ގޮތުން ވަރުގަދަ ބަޔަކަށް ހެދުމަކީ ހަރުކަށި ފިކުރާއި ދެކޮޅަށް މުޖުތަމައެއް ބިނާކުރުމުގެ ހަމައެކަނި ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހަމަމިއާއެކު ހަރުކަށި ފިކުރު ހުއްޓުވުމަށް ބާއްވާ ވޯކްޝޮޕްގެ ބައިވެރިން ދޭ އެއްބާރުލުމަކީ ނޭޝަނަލް އެކްޝަން ޕްލޭންގެ ނަތީޖާ ހާސިލްކުރުމަށް އިދާރާތަކުން ބޭނުންވާ ފިޔަވަޅުތަކާއި އެހީތެރިކަން ދެނެގަތުމުގައި ނަތީޖާ ނެރެދޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށް ވެސްވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި އަޅުގަނޑުމެންގެ ޤައުމު ހިމާޔަތްކޮށް ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން އަމިއްލައަށް ތަޢުލީމު ޙާޞިލުކޮށް އެހެން މީހުން ތަޙައްމަލުކުރާ އިންސާފުވެރި ބަޔަކަށް ހެދުމަށް ވަކާލާތު ކުރަން ޖެހޭ ކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ އަނިޔާވެރި ހަރުކަށިފިކުރު ހުއްޓުވުމަށާއި އެކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު މުރާޖާކޮށް ތަންފީޒުކުރުމަށް ވޯކްޝޮޕްގެ ބައިވެރިން އެއްބާރުލުން މުހިއްމުކަމަށާއި ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހައްގުތަކާއި މިނިވަންކަމާއި ދީނީ އަގީދާ ވަރުގަދަ ކުރުމުގެ އިތުރުން މައްސަލަ ތަކުގެ ހައްލުހޯދުމަށް މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.
ގައުމުގެ ހަމަޖެހުމާއި އަމާންކަން ގާއިމްކުރެވޭނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް އެއްބައެއްގެ ގޮތަށް މަސައްކަތްކޮށް، ކުރިން އެކަމަށް މަސައްކަތް ކޮށްގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!