އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގ ރާއްޖެވަޑައިގެންފިއެވެ.
ރާއްޖޭގެ ދިފާއީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ދަޢުވަތަކަށް ކުރައްވާ، މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާއީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އިންޑިއާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އުޅަނދު ރަސްމީގޮތުން ދިވެހި ސަރުކާރާ ހަވާލު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އެގައުމުން ރާއްޖެއަށް ހަދިޔާކުރާ އުޅަނދެކެވެ.
މީގެ އިތުރުން އުތުރުތިލަފަޅުގައި ގާއިމްކުރާ އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބަނދަރާއި ޑޮކްޔާޑުގެ މަސްރޫއު އިފްތިތާހް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެމްއެންޑީއެފް އަށް ލޭންޑިންގ ކްރާފްޓަކާއި އަސްކަރީ ބައެއް ސާމާނު ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.
އިންޑިއާގެ ދިފާއީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސް ސާލިހުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ނިންމާފައެވެ.
މިއީ ރާޖްނާތު ސިންގ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!