މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް މަސައްކަތްތެރިން ބަލައިގަންނަކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ މިއަދުފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް ނެރުނު ބަޔާނުގައެވެ.

Ad
rt

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް އަބަދުވެސް ގޮވާލާ, އަދި އެ ހައްގުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ޕާޓީއެއްކަން ފާހަގަކޮށް އެ ޕާޓީން ބުނީ އައު ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވުނު މި ޕާޓީގެ އެންމެ ފުރަތަމަ ސަރުކާރުގައި ވެސް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި އެ ހައްގުތައް ކަށަވަރުކުރުމަށް ސިޔާސަތުތަކެއް ތަންފީޒުކުރެވުނު ކަމަށެވެ.

އޭގެ ފަހުން 2018 ގައި އިންތިހާބުކުރެވުނު އެޕާޓީގެ ދެވަނަ ސަރުކާރުގައި ވެސް މަސައްކަތްތެރިންނަށް ކުރިއަށްވުރެ ހައްގުތައް ފުޅާކުރެވި, އެ ހައްގުތައް ނަގަހައްޓާނެކަން ދިވެހިރައްޔިތުން ޔަގީންކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.

"ވަޒީފާއަދާކުރާ ތަނުން އެއްވެސް މުވައްޒަފަކާމެދު އަޅާ ފިޔަވަޅެއް ކަމާބެހޭ މުއައްސަސާއަށް އެއްވެސް ބިރެއް ނެތި އަދި އެ މައްސަލައެއް އެ މުވައްޒަފަކު ހުށަހެޅީތީ މަސައްކަތު މާހައުލުގައި ބިރު ދެއްކުމެއް ނެތި މައްސަލަތައް ބަލައި ނިމި އިންސާފު ލިބިގެންދާނެކަން އެއީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ." އެމްޑީޕީ އިން ބުނެއެވެ.

މީގެ އިތުރުން މުވައްޒަފުންގެ މެދުގައި އޮންނަ މުސާރައިގެ ފަރަގު ކުޑަކުރުމާއި މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލު ގެނައުމަށް ފަށާފައިވާ ސަރުކާރުގެ ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާއާއި ސިއްހީ އަދި ސޯޝަލް ސާވިސް ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތައް ގެނެވިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ނުހަނު ގިނަ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށައިފައިވާކަން އެމްޑިޕީ އިން ފާހަގަކުރިއެވެ.

އެގޮތުން, ގާނޫނަކުން މިނިމަމް ވޭޖް ކަނޑައެޅިގެން ދިއުމާއި ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ލިބޭނެ ގޮތް ގާނޫނަށް އިސްލާހު ގެނެވި ހަމަޖެހިގެންދިއުމާއި ވިހެއުމާއި ގުޅިގެން މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ލިބުން ފަދަ އެތައް ސިޔާސަތުތަކެއް ތަންފީޒުކުރެވިގެންދާއިރު، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކުރިއަށް ދާކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރަންސްގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް، އެމްޑީޕީ އިން ބުނީ ރައީސް ސާލިހުގެ ސަރުކާރުން މަސައްކަތްތެރިންގެ ހައްގުގައި މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ދިވެހި މަސައްކަތްތެރިން ބަލައިގަންނަ ފިޔަވަޅު ތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްތެރިންގެ ހައްގުގައި ހަރުދަނާ އީޖާބީ ފިޔަވަޅުތަކެއް ރައީސް އަޅުއްވާނެކަން އެ ޕާޓީން ދެކޭ ކަމަށް ބުނެފައި ވެއެވެ.