ޕާޓީއަށް ސޮއިނުކޮށް ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހިއްލުކަމަކަށްވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ އިންޓަރނޭޝަނަލް ލޭބާ ޑޭ ގެ މުނާސަބަތުގައި ނާޒިމް ނެރުއްވި ބަޔާނުގައި ވަނީ ސަރުކާރަށް މަރުޙަބާ ކިޔާ ޓްވީޓްކުރުން ވަޒީފާގެ ބަޔާނުގައި ހިމަނާފައިވާ ކަމަށާއި ވަޒީފާގެ ރައްކާތެރިކަމަކީ މިހާރު މިއީ ކަމަށެވެ.

Ad
rt

ރާއްޖޭގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ކަމަކީ، ހަމަހަމަ ކަމާއެކު އުޖޫރަލިބުމުގެ ޙައްޤު ކަމަށާއި އަދި އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު ކަމަށެވެ.

އެހެންނަަވެސް މިއަދުގެ ޙަޤީޤަތަކީ، ރައީސްގެ އިޚްތިޔާރުގައި ވަޒީފާ ދޭ، ޕާޓީ އެކްޓިވިސްޓުންނަށް ބޮޑެތި މުސާރައާ އެކު ސިޔާސީ މަޤާމުތައް ދީފައި، އެއަށްވުރެ، ބޮޑެތި މަސައްކަތްކުރުވާ ތަޢުލީމީ އަދި ފަންނީ މީހުންނަށް ކުދި މުސާރަތައް ދިނުން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އަދާ ކުރާ މަސައްކަތަށް އެކަށީގެންވާ މުސާރައެއް ލިބިދޭންޖެހޭ. އެއީ އަޅުގަނޑުވެސް ޤަބޫލުކުރަން. ކިޔަވައިގެން ތިބި މީހުންނަށް ޤައުމުގައި ވަޒީފާ އަދާކުރުމަށް އެކަށީގެންވާ މުސާރައާއި ވަޞީލަތްތައް ލިބެންޖެހޭ. އެހެނަސް، އެއީ ވޯޓު ހޯދުމަށް ދޭ ރިޝްވަތަކަށް ވެގެން ނުވާނެ." ނާޒިމް ވިދާޅުވިއެވެ.

އެކަން ކުރަންވާނީ ޕްލޭނެއް ކުރެވިގެން، ދިރިއުޅުން ތަކުލީފަކަށްވާ ވަރަށް ރައްޔިތުން އަތުން ލާރި ނަގައިގެނެއް ނޫން ކަމަށާއި ލާރިހޯދާނޭ ގޮތުގެ ޕްލޭނެއްނެތި، ޚަޒާނާގައި ހުރި ލާރިކޮޅު ބަހާލައިގެނެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން، މިއަދުވަނީ ފަންނީ މަސައްކަތްތެރިން އަޅުދާސްކުރެވިފައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރިން ސަރވިސްއަކީ މިކަމުގެ ވަރަށް ފުރިހަމަ މިސާލެއްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު އެކުލަވާލެވުނީ ސިޔާސީ ނުފޫޒުތަކުން ޚާރިޖީ ސިޔާސަތު އެކަހެރިކުރުމަށް ކަމަށެވެ. އަދި ފޮރިން ސަރވިސް ގެ މުއައްޒަފުން ފަންނީ ބަޔަކަށް ހެދުމަށް ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ޚާރިޖީ ދާއިރާއަކީ ރާއްޖޭގައި މީހުން ބިނާކުރުމުގައި އެންމެ ގިނަ، ކާމިޔާބީ ޙާޞިލުކުރި އެއް ދާއިރާ ކަމުގައިވީ ނަމަވެސް، މިއަދު، އެމްބަސީތަކަކީ ޕާޓީގެ މީހުންގެ ވަޒީފާ އާއި ވިސާ ހޯދާދޭތަން ހުރިތަންތަން ކަމަށެވެ.