ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބްރޫޝިއާ ޑޯޓްމަންޑް ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެއްވަރުވުމުން އޭގެ ފައިދާނަގައި ރޭ މެޗު ކާމިޔާބުކޮށް ބަޔާނުން ޑޯޓްމަންޑް ފަހަތަށް ޖައްސާލައި ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ ބަޔާން ވަނީ 2-0 ގެ ނަތީޖާއިން ހާތާ ބާލިން ބަލިކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ޑޯޓްމަންޑާއި ބޯކުމް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެ މެޗުން ޑޯޓްމަންޑަށް ދެ ޕޮއިންޓް ގެއްލުމުން ރޭ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު ބަޔާނަށް އޮތްއިރު ރޭ މެޗު ކާމިޔާބުކޮށް ބަޔާނުން ވަނީ އެ ފުރުޞަތުގެ ބޭނުން ފުރިހަމައަށް ހިފާފައެވެ.

Ad
rt

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބަޔާން އޮތީ ކުޅުނު 30 މެޗުން ލިބުނު 62 ދެ ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ޑޯޓްމަންޑަށް ލިބިފައި ވަނީ 30 މެޗުން 61 ޕޮއިންޓެވެ.

ރޭ މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ބަޔާނުން ވަނީ ދެވަނަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 69 ވަނަ މިނެޓުގައި ކިމިކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސާޖް ގްނަބްރީ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 79 ވަނަ މިނެޓުގައި ކިމިކް ތަނަވަސް ކޮށްދިން ފުރުޞަތެއްފައި ކާމިޔާބު ކޮށްދިނީ ކިންގްސްލީ ކޮމަން އެވެ.

މި މެޗުން ބަލިވި ހާތާ ބާލިން މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ. އެ ޓީމަށް 30 މެޗުން ލިބިފައި ވަނީ 22 ޕޮއިންޓެވެ.