ޗާގޮސް މައްސަލައިގާ އިދިކޮޅުން ދިޔައީ ހަގީގަތާ ހިލާފު އަސްލެއް ނެތް ވާހަކަތައް ފަތުރަމުން ކަމަށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލާގައި ސަރުކާރުން ރާއްޖޭގެ މަސްލަހަތު ދިފާއުކުރަމުން ދިޔައިރު، ސިޔާސީ އިދިކޮޅު ފަރާތްތަކުން ދިޔައީ ހަގީގަތާ ހިލާފު އަސްލެއް ނެތް ވާހަކަތައް ފަތުރަމުން ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުން ވެސް ފެންނަން ނެތް ވާހަކަތައް ފަތުރައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.

Ad
rt

މީގެ އިތުރުން އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލާގައި ރާއްޖޭގެ ފަރާތުން ދިވެހި ސަރުކާރުން ނަގަހައްޓާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދި އަދި ސަލާމަތީ މަސްލަހަތު ބެލެހެއްޓުމުގެ ފުރިހަމަ އިހްތިޔާރާއި ގާނޫނީ ބާރު ދިވެހި ދައުލަތަށް ލިބި، ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ހަމަމިއާއެކު ރާއްޖޭގެ ސަރަހައްދު ބައިނަލްއަގުވާމީ ހަމަތަކާއި މިންތަކާއި އެއްގޮތަށް ކަނޑައަޅައި ފުރިހަމަވެ، މިއަދު މި ނިމުނީ ކަމަށާއި ބައިގަރުނަށް ވުރެ ގިނަ ދުވަސްވީ މި މައްސަލަ ނިމި ރާއްޖޭގެ ސަރަހައްދު ކަނޑައެޅިގެން ދިއުމަކީ މިއަދު އެ ޕާޓީން އުފާވެރިކަމާ އެކު ބަލައިގަންނަ ކަމެއްގެ ކަމުގައު ވެސް ބުނެފައި ވެއެވެ.

ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލަ ދިވެހި ދައުލަތުން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް އިން ކަނޑައެޅިގެން ދިއުމާ ގުޅިގެން ރައީސް ސާލިހް އަށާއި އިޓްލޮސްގައި ރާއްޖެ ތަމްސީލްކުރެއްވި އެޓާނީ ޖެނެރަލްގެ ލީގަލް ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށާއި ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް އިން ކަނޑައެޅި ލިބުނު ކާމިޔާބީއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މަރުހަބާ ދަންނަވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.