ޖަރުމަނު ލީގުގައި ރޭ ބޯކުމްއާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ޑޯޓްމަންޑް ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ ބޯކުމްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޑޯޓްމަންޑް އޮތީ އެއް މެޗު އިތުރަށް ކުޅެ ދެވަނާގައި އޮތް ބަޔާން މިއުނިކަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ނަމަވެސް މާދަމާރޭ ބަޔާން މިއުނިކާއި ހާތާބާލިން ބައްދަލުކުރާ މެޗު ބަޔާނުން ކާމިޔާބު ކޮށްފިނަމަ ތާވަލުގެ އެއްވަނާގައި ބަޔާނަށް އެއް ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ.

Ad
rt

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޑޯޓްމަންޑް އޮތީ ކުޅުނު 30 މެޗުން ލިބުނު 61 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ބަޔާން އޮތީ 29 މެޗުން ލިބުނު 59 ޕޮއިންޓާއި އެކުގައެވެ. މި މެޗުން ޑޯޓްމަންޑް އަތުން ޕޮއިންޓެއް ހޯދި ބޯކުމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 30 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ބޯކުމް އިންނެވެ. މި ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި ޑޯޓްމަންޑްގެ އޭރިއާ ބޭރުން ފޮނުވާލު ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ އެންތޮނީ ލޮސިއްލާއެވެ. އޭގެ ދެ މިނެޓް ފަހުން ޑޯޓްމަންޑުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޑޯޓްމަންޑްގެ ހާލާ ބޯކުމްގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ކަރިމް އަޑެޔޭމީއެވެ.

މި މެޗުން މޮޅުވުމަށް ޑޯޓްމަންޑުން ގިނަ މަސައްކަތްތަކެއް ކޮށް ފުރުޞަތުތަކެއް ތަނަވަސް ކުރި ނަމަވެސް، ރޭ މެޗުގައި ޑޯޓްމަންޑް ހުއްޓުވުމުގައި ބޯކުމްގެ ކީޕަރ ރިއެމަން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.