މައްސަލަ ބޮޑުވެފައިވާ ޗާގޯސް-ރާއްޖެ އިމުގެ މައްސަލަ ނިއްމައިފިއެވެ.
އެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމާފައިވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު، ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށެވެ.
ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ މި ފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ.
އިޓްލޮސްގެ ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ. އަދި ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށް އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނެފައި ވެއެވެ.
މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް، ގާތްގަނޑަކަށް 4،600 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ވަނީ ކަށަވަރުވެފައެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެއެވެ.
ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެން ކަމަށެވެ.
އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.
ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސި ވިލާތަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ބުނެ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ނެރުނު އިސްތިޝާރީ ލަފާ ރާއްޖޭން ގަބޫލު ނުކޮށް މި މައްސަލަ އިޓްލޮސް އަށް ނުބެލޭނެ ކަމަށް ރާއްޖޭން ވަނީ ވަކާލާތުކޮށްފައެވެ.
އެކަމަކު ރާއްޖޭގެ އެ ދިފާއު ގަބޫލު ނުކޮށް އިޓްލޮސް އިން މައްސަލަ ބަލަން ފެށީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތަށް ކޮންމެ ގައުމަކަށް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭންޖެހޭ ގޮތަށެވެ.
މި މައްސަލަ ނިމުނަސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ބަލާއިރު ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާ ނަމަ އެ ހިސާބަކަށް އިން ކަނޑައަޅަށް ހުށަހެޅެވެ އެވެ.
ރާއްޖެއިން ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅާފައެވެ. އެއާ އެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!