ހެއްކާއި ބެހޭ ބިލް އިސްލާހުނުކޮށް މަޖްލިސް ޗުއްޓީއަށް ދިއުމުން މޯލްޑިވްސް މީޑިއާ ކައުންސިލްް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހުމަކީ އެ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށާއި ނޫސްވެރިން މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އެ ގާނޫނު ދެމި އޮތުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ފުރިހަމަ މިނިވަންކަން ގެއްލިފައި އޮތް ހާލަތެއް ކަމަށެވެ.

Ad
rt

މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށްޓައި ސަރުކާރުން އަހަންމިއްޔަތުކަން ދޭ މިންވަރާ މެދު އެމްއެމްސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މިހާރު ހެއްކާ ބެހޭ ބިލް އޮތީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބި މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅޭ ފަދަ ގޮތަކަށް," ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތް ގާނޫން އިސްލާހު ނުކޮށް އެތައް ދުވަހެއް ވުމަށްފަހު ވެސް، އަލުން އެ ގާނޫނު އިސްލާހު ނުކޮށް އަނބުރާ ކޮމިޓީ އަށް ފޮނުވައިލުމަށް ފަހު، މަޖިލިސް ޗުއްޓީ އަށް ދިޔުމުން އެކަމާ ވެސް އެމްއެމްސީ އިން ކަންބޮޑުވާކަމަށް އެކައުންސިލުން ބުނެއެވެ.

ހެއްކާ ބެހޭ ބިލުގެ އެ މާއްދާއަށް އެމްއެމްސީގެ ފުރަތަމަ ހުށަހެޅުމަކީ އެ މާއްދާ ބިލުން އެއްކޮށް އުނި ކުރުމެވެ. ނަމަވެސް އެ މާއްދާ އެއްކޮށް އުނި ނުކުރުމަށް ނިންމަވާ ނަމަ، އެމްއެމްސީން ފާހަގަކޮށްފައިވާ ހުރިހާ ކަމަކަށް ބެލުމަށްފަހު ވީހާވެސް އަވަހަށް އެ ގާނޫނު އިސްލާހު ކުރުމަށް އެކައުންސިލުން ވަނީ ގޮވާލާފައެވެ.