ސްޓެލްކޯގެ މަސައްކަތް ހަރުދަނާ ކުރުމަށް މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން ޚާއްސަ ޓީމެއް އެކުލަވާލައި، މަސައްކަތް ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މިއީ ހޫނު މޫސުމާ ގުޅިގެން، ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެ ކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކުލަވާލި ޓީމެއް ކަމަށެވެ.

Ad
rt

މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނުގަދަވެ، ރެކޯޑް މިންވަރަކަށް ކަރަންޓު އުފައްދަންޖެހިފައިވާ ދުވަސްވަރަކަށްވާތީ، މޫސުމާއި ކަރަންޓު ބިލްތަކަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވަން އެ ކުންފުނިން މިހާރުގެންދަނީ ގިނަ މަސައްކަތްތަކެެއް ވެސް ކުރަމުންނެވެ.

މިދުވަސްވަރުު ޕީކްލޯޑް ދަށްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހުރިހާ އެއަރކޮންޑިޝަންތަކެއް 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ރައްޔިތުންގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް މިކަމުގެ ހޭލުންތެރިކަން ފޯރުކޮށްދެމުން އަންނައިރު، ހޫނުން ސަލާމަތްވުމަށް ރައްކާރެތިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ސްޓާފުން ކުންފުނީގެ ޔުނީފޯމްގައި އޮފީހަށް އައުމަށް ވެސް ވަނީ އެދިފައެވެ.

މިދުވަސްވަރު ރާއްޖޭގެ ހޫނުމިން 40 ޑިގްރީއިން މައްޗަށްދާނެތީ އެކަމާ ސަމާލުވުމުމަށް މެޓް އޮފީހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.