އައު ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ބޭނުންވާ ބިން ހޯދުމަށް މާލޭ ސިޓީ ކައުންސިލާ އެކު މަޝްވަރާކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ 'ފަލަ ސުރުޚީ' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މާލޭގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ބިންތައް ލިބޭނެ ކަމުގެ އުންމީދު ވަރަށްބޮޑު ކަމަށެވެ.
އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިފައިވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އޭރު އެދިފައިވަނީ ބިން ރެޖިސްޓްރީކޮށްދިނުމަށް ކަމަށެވެ.
އެހެންނަމަވެސް ކައުންސިލާއެކު މިހާރުމަޝްވަރާކުރެވެމުން އަންނަނީ އެ ބިންތައް ކުއްޔަށް ހޯދުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިހައިތަނަށް އައި އިރު ބިންތައް ނުލިބުނަސް، އަބަދުވެސް ދެކޭނީ ޕޮޒިޓިވްކޮށް ކަމަށާއި އެހެންވެ، ބިންތައް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އައު ޓްރާންސްފޯމަރު ބެހެއްޓުމަށް ނިންމާފައިވަނީ ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާ ގޮތަށް ހުރި ޕާކިންޒޯނާ ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނާއި ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިންގ ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަނުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!