ވެމްކޯއިން ބިންލައިނާ ނުވަތަ ކުނި އުކާލުމަަށް ބޭނުން ކުރާ ކޮތަޅު ވިއްކާ އަގުތައް އާއްމުކޮށްފިއެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ފޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނަގަން ވަނީ ފަށައިފައެވ. ނަމަވެސް މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ" އިން ފީ ނަގަން ނުޖެހޭގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
ވެމްކޯއިން ބުނެފައިވާ ގޮތުގައު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ކުންފުނިން ބިންލައިނާ ވިއްކަން ފަށާނެއެވެ.
ވެމްކޯއިން ބިންލައިނާ ވިއްކާ އަގުތައް:
* ލާޖު - 100 ކޮތަޅުގެ ބޮޑިއެއް 35 ރުފިޔާ
* ޑަބަލް އެކްސްއެލް - 100 ކޮތަޅުގެ ބޮޑިއެއް 165 ރުފިޔާ
* ޓްރިޕަލް އެކްސްއެލް - 50 ކޮތަޅުގެ ބޮޑިއެއް 165 ރުފިޔާ
ވެމްކޯއިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓް އޮފީސްތަކުން ބިންލައިނާ ލިބެން ހުންނާނެއެވެ.
ވެމްކޯއިން ދެ ކުލައެއްގެ ކޮތަޅު ވިއްކާނެއެވެ. އެއީ ކަޅުކުލައާއި ފެހިކުލައިގެ، ތިން ސައިޒެއްގެ ކޮތަޅެވެ. އެއީ 17 އިންޗި، 11 އިންޗީގެ ކޮތަޅާއި 27 އިންޗި 18 އިންޗީގެ ކޮތަޅާއި 48 އިންޗި 36 އިންޗީގެ ކޮތަޅެވެ.
ކުނި އުކާލުމުގައި، ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދުކުރުމަށާއި، އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން އެދެއެވެ. އަދި ވެމްކޯއިން ތައާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!