ޒުވާން ޖީލަށް އަމާޒުކޮށްގެން އިސްލާމީ ކޮންޓެންޓު އުފެއްދުމުގެ މަގުސަދުގައި އުފެއްދި ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ "ހަލާލް ޖެނެރޭޝަން ޕްރޮޑަކްޝަންސް" ގެ ފުރަތަމަ މަދަހަ އަލްބަމް "ތަޢުބާ" އިން ޒުވާނުންނަށް ވަރުގަދަ މެސެޖެއް ދީފި އެވެ.

މި އަލްބަމްގެ މަދަހަތައް ރިލީޒް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ "ތިލަދުން"ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

Ad
rt

ތިލަދުން މީޑިއާ ގުރޫޕާއި ގުޅިގެން ނެރުނު މި މަދަހަ އަލްބަމުގައި ޖުމްލަ ތިން މަދަހައެއް ހިމެނެއެވެ. މި އަލްބަމަކީ ޒުވާން ފަންނާނުންތަކެއްގެ ހުނަރު ފެންނަ މަސައްކަތެކެވެ.

މި އަލްބަމުގެ ހުރިހާ މަދަހައެއް ބިނާކޮށްފައިވާނީ ދީނާ ދުރު ދިރިއުޅުމެއް އުޅެމުންދިޔަ ޒުވާނެއްގެ ދިރިއުޅުން ބަދަލުވާ ގޮތުގެ މައްޗަށެވެ. މި އަލްބަމް އެކުލަވާލާފައި ވަނީ އެއްމަދަހަ އަނެއް މަދަހައާއި ގުޅިގެން އަންނަގޮތަށެވެ.

މި މަދަހަ އަލްބަމުން ދިވެހި މުޖުތަމަޢުގައި ބައެއް ޒުވާނުންގެ މެދުގައި އޮންނަ ވަރަށް ނުބައި އާދަތަކެއްގެ މަތީގައި އުޅެމުން އަންނަ ޒުވާނަކު ތަޢުބާވެ އިސްލާހުވެގެން އަންނަ ގޮތް ދައްކުވައިދެއެވެ.

މި އަލްބަމުގެ ވޯކަލިސްޓުންނަކީ އަޙްމަދު އަރުޝަމް، އަލީ އިއުފާފް އިސްމާއީލް، ދަހްލާން މުހައްމަދު ރިޒާ އަދި މުހައްމަދު ޝިފާއުއެވެ.

އަމިއްލަ ރާގުގެ އެ ތިން މަދަހަ ހިމެނޭ މި އަލްބަމުގެ ޅެންތައް ހަދާފައި ވަނީ މުހައްމަދު ޔަމީން އަދި މުބީން އަލީ އެވެ.

މަދަހަތަކުގެ ރެކޯޑިންގެ މަސައްކަތް ކޮށްފައިވަނީ އެއްކާފް ސްޓޫޑިއޯގައެވެ. މިކްސިން އަދި މާސްޓަރިން ހަދާފައިވަނީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ މުނާޒް ޒުބައިރެވެ.

މި އަލްބަމްގެ ވީޑިއޯތަކުގެ ސިނެމެޓޮގްރަފަރަކީ އަރަމުން އަންނަ ކުޅަދާނަ ވީޑިއޯގަރާފާ އާއިމް ޒަމީރެވެ. އަލްބަމް އާޓާއި ގްރެފިކްސް ޑިޒައިން ކޮށްފައި ވަނީ މުސްތަފާ މުހައްމަދު (ކުލަފިހި) އެވެ.

އަލްބަމްގެ ވީޑިއޯގައި ލީޑް ރޯލުން ފެންނަނީ ޓިކްޓޮކުން އާންމުންގެ މަގުބޫލުކަން ހޯދަމުން އަންނަ ފަންނާނެއް ކަމުގައިވާ މޫސާ އަލީފްއެވެ. އަލީފްގެ އިތުރުން، ސްކްރީނަށް އާ ގިނަ މޫނުތައް ވެސް މި މަދަހަތަކުގެ ވީޑޮއޯތަކުން ފެނިގެންދެއެވެ.