ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށީ ޕްލާސްޓިކް ނޫން ގޮތެއް ބޭނުންވާތީ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށުމުން އާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެކަމަނާ މިހެން ވިދާޅުވީ ޕްލާސްޓިކް ކޮތަޅަކީ ބައެއް ހާލަތްތަކުގައި ބޭނުންކުރަންޖެހޭ އެއްޗެއްކަމުގައިވާތީ މުޅިން އެތެރެކުރުން ހުއްޓާލުމުގެ ބަދަލުގައި އެއަށް އަގެއް ނަގަން ފެށްޓެވީކަމަށެވެ.
ޕްލާސްޓިކް ކޮތަޅުން ނަންގަވަން ފެއްޓެވި އަގަކީ ދައުލަތަށް ދިގު މުއްދަތުގައި އާމްދަނީ ހޯދުމަށް ނަގާ އެއްޗެއް ނޫން ކަމަށާއި ކޮތަޅު ބޭނުންކުރާ ނިސްބަތް ދަށްވުމާއެކު އެ އާމްދަނީ ކެނޑޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މީގެ ސަބަބުން ޕްލާސްޓިކް ކޮތަޅު އާންމުކޮށް ބޭނުންކުރުމުގެ ބަދަލުގައި ފޮތިކޮތަޅު ބޭނުންކުރުން އާންމުވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.
އިތުރު ޓެކުހެއް ދައްކަންޖެހުމަކީ އެއްވެސް މީހަކު ރުހޭނެކަމެއް ނޫންކަން ފާހަގަ ކުރައްވައި ޝައުނާ ވިދާޅުވީ އެހެންނަމަވެސް ރާއްޖޭގައި ކުނީގެ މައްސަލަ އޮތް ހާލަތުން މިފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
"އެއީ އަދިވެސް ބައެއް ރަށްރަށުގައި ހުރިހާ ބާވަތެއްގެ ކުނި އަންދާ. ބައެއް ފަރާތްތަކުން ކުނި މޫދަށް އަޅާ. މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ރީތިކަމާއި، ގުދުރަތީ ވެށްޓާ، ސިއްޙަތާ، އިގްތިސާދަށް ބޮޑު ގެއްލުމެއް ވަމުންދާތަން ބަލަން ނުތިބެވޭނެ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
2020 ވަނަ އަހަރުން ފެށިގެން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން 13 ބާވަތެއް ފާހަގަކުރައްވައި އެ ބާވަތްތައް ބޭނުންކުރުން ހުއްޓުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އޭގެފަހުން މިބާވަތްތަކުގެ ތެރެއިން ޕްލާސްޓިކް ތައްޓާއި އުލާއި ސަމުސާ ފަދަ ބާވަތްތަކާއި ޕްލާސްޓިކް ބަންދުކޮށްފައި ހުންނަ ސުޕާރީ ޕެކެޓާއި، ޕްލާސްޓިކް ކަފަބުރާއި، ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް، އުފައްދައި، ވިއްކުން މަނާކުރައްވައިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!