އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމާއި ނިއުކާސަލް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ނިއުކާސަލް ޖެހިލައިފިއެވެ. މިރޭ ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
ނިއުކާސަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ 21 މިނެޓްގެ ތެރޭ ފަސް ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ދެވަނަ މިނެޓުގައި ޖަކޮބް މާފީ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު ހަވަނަ މިނެޓުގައި ފަބިއަން ސާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޮއެލިންޓަންއެވެ.
ނިއުކާސަލްގެ ތިންވަނަ ލަނޑު ޖެހީ ފުރަތަމަ ލަނޑު ކާމިޔާބުކުރި މާފީއެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އޭނާ މި ލަނޑު ޖަހާފައި ވަނީ ވިލޮކްގެ އެހީތެރިކަމާއި އެކުގައެވެ. މެޗުގައި ނިއުކާސަލުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އެލެކްސެންޑާރ އިސަކްއެވެ.
މެޗުގައި ޓޮޓެންހަމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓްތެރޭ ކާމިޔާބު ކޮށްދީފައި ވަނީ ހެރީ ކޭންއެވެ. ނިއުކާސަލްގެ ހަވަނަ ލަނޑު 67 ވަނަ މިނެޓުގައި ޖަހައިދިނީ ވިލްސަންއެވެ.
މި ނަތީޖާއާއިއެކު ނިއުކާސަލް ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ޖެހިލާފައެވެ. ހަތަރު ވަނާގައި އޮތް ޔުނައިޓެޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވާ ނިއުކާސަލް މިވަގުތު ތިންވަނާގައި އޮތީ 31 މެޗުން ލިބުނު 59 ޕޮއިންޓާއި އެކުގައެވެ. ހަތަރުވަނާގައި އޮތް ޔުނައިޓެޑަށް ވެސް 30 މެޗުން ލިބިފައި ވަނީ 59 ޕޮއިންޓެވެ. ނިއުކާސަލް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. މިރޭ ބަލިވި ޓޮޓެންހަމް އޮތީ ތާވަލުގެ ފަސް ވަނާގައެވެ. އެ ޓީމަށް 32 މެޗުން ލިބިފައި ވަނީ 53 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!