މާލެ އަތޮޅު ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ ޗެންޕިއަންކަން، އެންމެ ފަހުންވެސް މިތަށި ކާމިޔާބުކުރި، ޓީމް ބިއުޓީސް ހޯދައިފިއެވެ.
އެ ޓީމުން މިތަށި ރޭ އުފުލާލީ، ޓީމް މަންފާގެ މައްޗަށް ކުރިހޯދައި ފަސޭހަކަމާއެކު އެއްވެސް އުނދަގޫކަމެއްނެތި ސީދާ ތިންސެޓުން ކާމިޔާބުކޮށް ގެންނެވެ.
ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުގެ ދެކުޅުންތެރިން ހިމެނިދާނެކަމަށް މުބާރާތުގެ ޤަވާއިދުގައިވާ ބުނެފައިވުމުން، ރޭ ކުޅުނު ދެޓީމުގައިވެސް ރަށުން ބޭރުގެ އަދި ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން ވަނީ ހިމަނާފައެވެ.
ޓީމް ބިއުޓީސްގައި ކެޕްޓަން ހައްވަ އަދި އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ޝަހާ ޝާމިން ހިމެނޭ އިރު، މަންފާގައި ގައުމީ ޓީމުގެ މާޖިދާ އަޒުމާ ހިމެނެއެވެ.

އެހެންނަމަވެސް ރޭގެ ފައިނަލް މެޗަށް މާޖިދާ އައިސްފައި ނުވާތީ މަންފާއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ހުރިހާ ޓީމަކުންވެސް ރަށުން ބޭރުގެ ކުޅުންތެރިންނަށް ބަރޯސާވެފައިވާއިރު، މަންފާއިން މާޖިދާ ނުފެނުންވީ މަންފާގެ ޓީމަށާއި، ސަޕޯޓަރުންނަށް މާޔޫސްކަންގެނުވި ކަމަކަށްށެވެ.
ވުމާއެކު ފައިނަލް މެޗެއްގެ ފޯރި އަދި ވާދަވެރިކަން ވެސް ފެނިގެން ނުގޮސް މިމެޗު ފަސޭހަކަމާއެކު ޓީމް ބިއުޓީސް އިން ކާމިޔާބުކޮށް ޖެހިޖެހިގެން ދެވަނަ އަހަރު މިތަށި އުފުލާލިއެވެ.
ސެޓުތައް ގެންގޮސްފައި ވަނީ 14/25،19/25/17/25 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މި މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާއެވެ.
މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް ހަވާލު ކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު ހުރާ ސުކޫލުގެ ޕުރިންސިޕަލް އައިމިނަތު އަރީޝާ އެވެ.
މިމުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނިމިގެންދިޔަ ހުރާ ސުކޫލު އިންޓަރ ހައުސްގައި ވެސް މޮޅު ކުޅުމެއްދެއްކި ޓީމް މަންފާގެ އުލްފާއެވެ. އެންމެ މޮޅު ކޯޗަކަށް ޓީމް ބިއުޓީސްގެ އަޙުމަދު ޝާމިން އެވެ.

އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީމް މަންފާގެ އައިމިނަތު ފަޒުނާ (ފަޒޫ)، އައިސަތު މާޖިދާ (މާޖީ) މަރިޔަމް އަޒުމާ (އަޒޫ)، ޓީމް ބިއުޓީސްގެ ހައްވާ ރާޝިދާ (ހައްވަ) ޝަހާ ޝާމިން އަދި ސުޙާނާ އަޙުމަދެވެ.
އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ޓީމް ބިއުޓީސްގެ ރިޒުނީ މުޙައްމަދެވެ. މި މުބާރާތް ނިމުންކަމުގައި ވިއަސް ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ވަރަށް ކައިރި މުސްތަޤުބަލެއްގައި އެ އަތޮޅުގެ ނުވަ ރަށަށް ހުޅުވާލައިގެން ފޯރިގަދަ ވޮލީ ބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ރޭ ވަނީ އިއުލާން ކޮށްފައެވެ.
މިކަން އިއުލާން ކުރީ ހުރާ ކައުންސިލްގެ ރައީސް ޢީސާ އަޙުމަދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!