އިންތިހާބަކާއި ނުލާ ތިން ރަށެއްގެ ޑަބްލިއުޑީސީ އަށް މެމްބަރުން ހޮވިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އަންނަ ޖޫން މަހު ބާއްވަން ތާވާލުކޮށްފައިވާ ބައި-އިލެކްޝަންގެ ކުރިން އިންތިހާބަކާއި ނުލާ ތިން ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލެއްވި މެންބަރުން ހޮވިފައިވާ ކަމަށެވެ.

Ad
rt

އެއީ ށ. މާއުނގޫދޫ، ރ. މީދޫ އަދި ގދ. ވާދޫ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ހޮވިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އައިޝަތު ހަނީފާއެވެ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ޕީޕީއެމްގެ ކެންޑިޑޭޓް ވަސީމާ އިބްރާހިމް ހޮވިފައިވާއިރު، ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ހޮވިފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ލިއުޝާ އިބުރާހިމް އެވެ.

އީސީ އިން ބުނީ މި ފަރާތްތަށް އިންތިހާބަކާއި ނުލާ އެ ގޮނޑިތަކަށް ހޮވުނީ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތުގައި އެ ބައިއިލެކްޝަންތަކުގައި ވާދަކުރުމަށް ނަން ހުށަހަޅާފައިވަނީ ހަމައެކަނި މި ފަރާތްތައް ކަމަށްވާތީ ކަމަށެވެ.

މިއަހަރު ކުރިޔަށް އޮތް ބައިއިލެކްޝަންތަކުގެ ތެރޭގައި ހަ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުން ހިމެނެއެވެ. އެ ރަށްތަކަކީ ހދ. ފިނޭ، ލ. މާމެންދޫ، ކ. ދިއްފުށީ، މ. ވޭވަށް، ތ. ގާދިއްފުށި އަދި ގދ ހޯނޑެއްދޫއެވެ.

އިލެކްޝަންސް ކޮމިޝަނުން ބައިއިލެކްޝަންސްތަކަށް ކުރާ ހޭދަ އިތުރުވެ ދިމާވާ ދަތިތަކަށް ހައްލު ހޮދުމުގެ ގޮތުން އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސް މިއަހަރުން ފެށިގެން ދެން ކޮންމެ އަހަރަކުވެސް ބައި އިލެކްޝަންތައް ބާއްވާނީ އަހަރަކު އެއް ފަހަރެވެ. މިއއަހަރު ބައި އިލެކްޝަންތައް ބާއްވަން ކަނޑައަޅާފައިވާ ތާރީހަކީ 17 ޖޫން 2023 އެވެ.