ޒުވާން ޖީލަށް އަމާޒުކޮށްގެން އިސްލާމީ ކޮންޓެންޓު އުފެއްދުމުގެ މަގުސަދުގައި އުފެއްދި ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ, "ހަލާލް ޖެނެރޭޝަން ޕްރޮޑަކްޝަންސް" ގެ ފުރަތަމަ މަދަހަ އަލްބަމް މިރޭ ނެރުމަށް ތައްޔާރުވެއްޖެއެވެ.

“ތިލަދުން މީޑިއާ ގުރޫޕް” އާއި ގުޅިގެން ނެރުމަށް ހަމަޖެހިފައިވާ މި މަދަހަ އަލްބަމުގައި ޖުމްލަ ތިން މަދަހައެއް ހިމެނެއެވެ. ޒުވާން ފަންނާނުންތަކެއްގެ ހުނަރު ފެންނަ މި އަލްބަމުގެ ނަމަކީ "ތައުބާ" އެވެ.

Ad
rt

އެ އަލްބަމުގެ ޑައިރެކްޓަރު, އަހްމަދު އަރުޝަމް "ތިލަދުން" އަށް ބުނީ އަލްބަމުގެ ހުރިހާ މަދަހައެއް ބިނާކޮށްފައިވާނީ ދީނާ ދުރު ދިރިއުޅުމެއް އުޅެމުންދިޔަ ޒުވާނެއްގެ ދިރިއުޅުން ބަދަލުވާ ގޮތުގެ މައްޗަށެވެ.

"އެއް މަދަހަ އަނެއް މަދަހައާ ގުޅޭ ގޮތަށް ހުންނާނީ. މަދަހަތަކުގެ ވީޑިއޯތައް ތަރުތީބުން ބަލާލީމަ ފެންނާނެ މެއިން ކެރެކްޓާ އިސްލާހުވެ, ހެޔޮ މަގަށް އެނބުރުމަށް މެދުވެރިވާ ކަންކަމާ ދެން އޭގެ ފަހުން އޭނާގެ ދިރިއުޅުން މުޅިން ބަދަލުވެގެންދާ ގޮތް"

އޭނާ ބުންޏެވެ.

މި އަލްބަމުގެ މަދަހައެއް އަރުޝަމް ވެސް ކިޔާފައިވެއެވެ. އޭނާގެ އިތުރުން މަދަހަ ކިޔާފައިވާ ވޯކަލިސްޓުންނަކީ; އަލީ އިއުފާފް އިސްމާއީލް, ދަހްލާން މުހައްމަދު ރިޒާ އަދި މުހައްމަދު ޝިފާއުއެވެ. މިއީ މި ހަތަރު ވޯކަލިސްޓުން ވެސް މަދަހަ އަލްބަމެއްގައި ފީޗާކުރާ ފުރަތަމަ ފަހަރެވެ.

އަމިއްލަ ރާގުގެ އެ ތިން މަދަހައިގެ ޅެން ހެދީ މުހައްމަދު ޔަމީން އަދި މުބީން އަލީ އެވެ. އަދި އޭގެ ތެރެއިން ދެ މަދަހަ ދަހްލާން ކޮމްޕޯޒްކުރި އިރު، އިއުފާފު ކިޔާ މަދަހަ ކޮމްޕޯސްކޮށްފައި ވަނީ އޭނާ އަމިއްލަ އަށެވެ.

މަދަހަތަކުގެ ރެކޯޑިންގެ މަސައްކަތް ކޮށްފައިވަނީ އެއްކާފް ސްޓޫޑިއޯގައެވެ. މިކްސިން އަދި މާސްޓަރިން ހެދީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ މުނާޒް ޒުބައިރެވެ.

އަރުޝަމް ބުނިގޮތުގައި އެ އަލްބަމުގެ ހުރިހާ މަދަހައެއް ވެސް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ވީޑިއޯއާ އެކުއެވެ. އެ ވީޑިއޯތަކުގެ ސިނެމެޓޮގްރަފަރަކީ އަރަމުން އަންނަ ކުޅަދާނަ ވީޑިއޯގަރާފާ އާއިމް ޒަމީރެވެ. އަލްބަމް އާޓާއި ގްރެފިކްސް ޑިޒައިން ކޮށްފައި ވަނީ މުސްތަފާ މުހައްމަދު (ކުލަފިހި) އެވެ.

އަލްބަމްގެ ވީޑިއޯގައި ލީޑް ރޯލުން ފެންނަނީ ޓިކްޓޮކުން އާންމުންގެ މަގުބޫލުކަން ހޯދަމުން އަންނަ ފަންނާނެއް ކަމުގައިވާ މޫސާ އަލީފްއެވެ. އަލީފްގެ އިތުރުން، ސްކްރީނަށް އާ ގިނަ މޫނުތައް ވީޑިއޯތަކުގައި ފެންނާނެ އެވެ.

"ރާއްޖޭގައި ފާހަގަކޮށްލެވޭ ޒުވާން ޓެލެންޓުތައް ބޭނުންކޮށްގެން ހަމަ އެ ޒުވާން ޖީލަށް ރަނގަޅު މެސެޖެއް ދިނުން މި އަލްބަމުގެ މަގްސަދަކީ... އަޅުގަނޑުމެން، ހަލާލް ޖީގެ މި ހުވަފެން ހަގީގަތަކަށް ހަދައިދޭން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރަން"

އަރުޝަމް ބުންޏެވެ.

އަރުޝަމާއެކު މި އަލްބަމް ކޯ ޕްރޮޑިއުސްކޮށްފައި ވަނީ ދަހްލާން އަދި ޔަމީނެވެ.

މި އަލްބަމްގެ މަދަހަތައް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ "ތިލަދުން"ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް, މިރޭ 08:30 އިން ފެށިގެންނެވެ.