މިދިޔަ ނޮވެމްބަރ މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 72 ވަނަ ޖަލްސާއިން ފާސްކުރެއްވި، ޤާނޫނު ނަންބަރު 2014/18، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.
މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަހުގެ ތެރޭގައެވެ.
މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި މި ބިލަށް މިއަދުން ފެށިގެން 30 ދުވަސް ތެރޭ އަމަލުކުރަން ޖެހޭ އިރު، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ކުރިން އޮންނަ ގޮތުން، ވިޔަފާރިކުރާ ތަންތަނުގެ ގޮތުގައި ރަޖިސްޓްރީ ކުރުމެއް ނެތި، އާމްދަނީ ހޯދުމަށް ނުވަތަ ވިޔަފާރީގެ އުސޫލުން ކުރާ ކަންކަމުގެ ތެރެއިން ރަޖިސްޓްރީ ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އޮންލައިންކޮށް ވިޔަފާރިކުރުމެއް ނުހިމެނެ އެވެ. ކުރިން ގާނޫނުގައި އޮންނަނީ ތަނެއް ހުޅުވައިގެން ޚިދުމަތް ދޭ ނަމަ ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށެވެ.
މީގެ އިތުރުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅައިި، ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފާސްކުރި ބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ޒަރީރާއިން ކުރާ ވިޔަފާރި ވެސް ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. އިލެކްޓްރޯނިކް ޒަރީއާ އިން ވިޔަފާރިކުރުން ކަމަށް ބަލަނީ އިލެކްޓްރޯނިކް ނުވަތަ މެގްނެޓިކް ނުވަތަ އޮޕްޓިކަލް ނުވަތަ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް، ޑޭޓާ މެސެޖް ބޭނުން ކޮށްގެން ކުރެވޭ މުއާމަލާތް ހިމެނޭ ގޮތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!