ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަޔާން މިއުނިކް ކަޓުވާލުމަށްފަހު މެންޗެސްޓާ ސިޓީ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ފާއިތުވި ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ކުޅެފައި ވަނީ ސިޓީގެ ދަނޑުގައެވެ. އެ މެޗު ސިޓީން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ބަޔާންގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ސިޓީއަށް ސެމީގެ ޖާގަ ލިބިފައި ވަނީ އެގްރިގޭޓް ނަތީޖާ 4-1 އިން ކުރި ލިބިގެންނެވެ.

Ad
rt

ފުރަތަމަ ލެގުގެ މެޗުގައި ތަފާތު ބޮޑުކޮށް ބަޔާން ބަލިވެފައި އޮތުމުން، ރޭ އަމިއްލަ ދަނޑުގައި ބަޔާން ނުކުމެފައި ވަނީ އެޓޭކިން އަށް އިސްކަންދީގެންނެވެ. މިގޮތުން ލަނޑުޖަހާނެ ފުރުޞަތުތަކެއް ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ތަނަވަސް ކޮށްފައެވެ. ބަޔާންގެ އެޓޭކްގައި މިރޭ ރަނގަޅު ކުޅުމެއް ދެއްކި ކިންގްސްލީ ކޮމަންއަށް އެ ޓީމްގެ މުސިއާލާ ތަނަވަސް ކޮށްދިން ފުރުޞަތުގައި އޭނާ ފޮނުވާލި ބާރު ބޯޅަ ސިޓީގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މީގެ އިތުރުން ސާނޭއަށް ވަނީ ލަނޑުޖަހަން ހުސް ފުރުޞަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަވެސް ދިޔައީ ގޯލާއި އަމާޒުނުވެއެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ސިޓީން އުފެއްދި އެޓޭކެއްގައި ހާލަންޑަށް ލިބުނު ހުސް ފުރުޞަތަށް ހުރަސްއަޅަން އުޅުމުގެ ތެރޭގައި ބަޔާންގެ ޑިފެންޑަރ އުޕަމެކާނޯ ކުރި ފައުލާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. ނަމަވެސް އެ ބޯޅަ ލިބުންއިރު ހާލަންޑް އޮފްސައިޑްގައި ހުރުމުން ރެފްރީ ވަނީ ރަތްކާޑް ކެންސަލް ކޮށްފައެވެ.

ފުރަތަމަ ހާފުގައި ލީޑު ނަގާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ ސިޓީއަށެވެ. ބަޔާންގެ އޭރިއާ ބޭރުން ސިޓީގެ މިޑްފީލްޑަރ ގުންޑަގަން ފޮނުވާލި ބާރު ހަމަލާ އޭރިއާ ތެރެއިން ބަޔާންގެ ޑިފެންޑަރ އުޕަމެކާނޯ އަތުގައި ޖެހުމުން ރެފްރީ ވަނީ ސިޓީއަށް ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ ހާލަންޑް ފޮނުވާލިއިރު އެ ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ސިޓީންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި ސިޓީން އުފެއްދި ކައުންޓަ އެޓޭކެއްގައި ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ޖަހާފައި ވަނީ ހާލަންޑެވެ. ޑިބްރޭނާ ކުޅުން ބޯޅަ ހުއްޓުވަން މަސައްކަތްކުރި ބަޔާންގެ ޑިފެންޑަރ އުޕަމެކާނޯ ކައްސާލާފައި ވެއްޓުމާއިއެކު ހާލަންޑަށް ވަނީ އެ ބޯޅަ ހަމަޖެހިލާފައި ގޯލަށް ފޮނުވާލަން ފުރުޞަތު ލިބިފައެވެ. އޭނާ ވަނީ އެ ބޯޅަ ބަޔާންގެ ގޯލުގެ މަތީ ކަނަށް ފޮނުވާލާފައެވެ. މިއީ މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ހާލަންޑް ކުޅުނު 8 މެޗުގައި ޖެހި 12 ވަނަ ލަނޑެވެ.

މެޗުގެ ފަހުބައިގައި ބަޔާނުން ވަނީ ޓީމް ވަރަށް ބޮޑަށް ކުރިއަށް ޖައްސައި ލަނޑު ޖަހަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ސިޓީގެ ޑިފެންސުން ވަނީ ބަޔާން ހުއްޓުވާފައެވެ.

މި މެޗުގެ ނަތީޖާ ބަޔާނުން ހަމަހަމަ ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ ކިމިކްއެވެ. ބަޔާން އަށް މި ޕެނަލްޓީ ލިބިފައި ވަނީ ސިޓީގެ އޭރިއާ ތެރެއިން އެ ޓީމްގެ ޑިފެންޑަރ އަކާންޖީގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

ސެމީގައި ސިޓި ވާދަކުރަން ޖެހޭނީ ކުއާޓާގައި ޗެލްސީ ކަޓުވާލުމަށް ފަހު ސެމީން ޖާގަ ހޯދި ޗެމްޕިއަން ރެއާލް މެޑްރިޑާއެވެ. ސެމީ މެޗުތަކުގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 9 އަދި 10 ގައެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ 16 އަދި 17 ގައެވެ.