ދެ ބޭހެއް ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ އޮންނަ ބޭހެއްކަމުގައިވާ ޓެލްމިސަރޓަން ނުވަތަ ޓެލްސަރޓާ 40ގެ ބެޗެއްގައި (2B151) މައްސަލަ އުޅޭކަމަށް އެބޭސް އުފައްދާ ކުންފުނިން ހާމަކޮށްފައިވާ ކަމަށެވެ.

Ad
rt

އެހެންނަމަވެސް މައްސަލަ އުޅޭ ބެޗުގެ ބޭސް ރާއްޖޭގައި ނެތް ކަމަށް އެ އިދާރާއިން ބުނެއެވެ.

އެ އިދާރާއިން އިތުރަށް ބުނީ ޕާކިސްތާނުގެ ފާމް އިވޯ ފަރމަސޫޓިކަލްސް އިން އުފައްދާ، މިބޭހުގެ އެބެޗުގައި މުށިކުލައިގެ ލައްތަކެއް ހުރުމާއި ގުޅިގެން ސަބްސްޓޭންޑަޑް ޕްރޮޑަކްޓެއްގެ ގޮތުގައި ބޭހުގެ އެބެޗު އަނބުރާ ގެންދިޔުމަށް ޕާކިސްތާނުގެ ކަމާބެހޭ ވުޒާރާއިން އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން ޑެފިބްރޯޓައިޑް ނުވަތަ ޑެފިޓެލިއޯ ގެ ބެޗެއްގައި ވެސް ފޯލްސިފައިޑް ބެޗްތަކެއް ޔޫއޭއާއި ކިރްގިސްތާނުން ފެނިފައިވާތީ ކަމާބެހޭ ފަރާތްތަކުން އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިއީ ރާއްޖޭގައި އިމްޕޯޓްކޮށް ވިއްކުން ހުއްދަކުރާ ބޭހެއް ނޫން ކަމަށާއި ނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާނަމަ ބޭހުގެ (19G19A) ބެޗްތަކަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭސް ސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް ޚާއްސަ ސަމާލުކަމެއްދީގެން ޕޯޓުތަކުގައި ބަލައި ފާސްކުރާނެކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

ހަމަމިއާއެކު ބޭހާއި ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން 7200321 އަށް ގުޅުމަށް ވެސް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.