މާލެ އަތޮޅު ހުރާގައި ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރީ މި މުބާރާތުގެ އަންހެންބައިގެ ޓީމު މަންފާ (ހުރާ) އާއި ހިންމަފުށީ އަންހެން ވޮލީ ޓީމެވެ.
މި މެޗަކީ މޮޅުވާ ބައެއް ސީދާ ފައިނަލަށް ދާގޮތަށް އިން މެޗަކަށްވާތީ، މެޗުގައި ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިއައެވެ.
އެގޮތުން ފޯރިގަދަ ކުޅުމަކަށްފަހު މެޗު ކާމިޔާބުކޮަށް، ތިންސެޓު ދެސެޓުން މަންފާ މޮޅުވެ، ފައިނަލުގެ ދެވަނަ ޖާގަ ވަނީ ކަށަވަރު ކޮށްފައެވެ. މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 3/15 ،25/14 ،14/25 ،26/24 ،27/29 އިންނެވެ.
ރޭގެ މެޗުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމްގެ ބާރު ސޮޓްޖެހުންތެރިޔާ، ޓީމް މަންފާގެ މާޖިދާ (މާޖީ) އަދި ގައުމީ ޓީމުގެ ތަޖުރިބާކާރު ސެޓަރު، ޓީމު ހިންމަފުށީގެ ޖާރޒީ ނަންބަރ 11 ޖޫޒާން ޒަރީރުގެ ކުޅުން ފާހަގަ ކުރެވުނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމު މަންފާގެ ޖާރޒީ ނަންބަރ ދިހައެއް އައިޝަތު މާޖިދާ (މާޖީ) އެވެ.
މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ހުރައަށް ނިސްބަތްވާ ޓީމު ބިއުޓީސް އެވެ. އެ ޓީމުން ފައިނަލަށް ދަތުރުކޮށްފައިވަނީ މި އޭޕްރިލް 14 ވަނަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ޓީމު މަންފާގެ މައްޗަށް 3 ސެޓު 1 ސެޓުން ކުރި ހޯދައިގެންނެވެ.
މި މުބާރާތުގައި މިރޭ ކުޅޭނީ ފިރިހެން ޑިވިޜަންގެ މެޗެކެވެ. މޮޅުވާ ބަޔަކު ސީދާ ފައިނަލަށް ދާގޮތަށް އިން މި މެޗުގައި ބައްދަލު ކުރާނީ ލަންކާގެ ތަޖުރިބާކާރު ކުޅުންތެރިޔާ މަހޭސް އަދި ކުޅަދާނަ ބީޗް ވޮލީ ކުޅުންތެރިޔާ މުޙައްމަދު އަލީ (ޑެންޒޯ) ހިމެނޭ ހުރާގެ ޓީމު މަންފާ އާއި ރާއްޖޭގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިން ހަސަން ނިލާމް (ޕާޓޭ) ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ހުރާގެ ޓީމު ތްރީ ޑީ އެވެ.
ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ވޮލީ ކޯޓުގައި މިރޭ 9:30 ގައި ފަށާ މި މެޗުވެސް އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!