ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރާއި އަލް ހިލާލް ބައްދަލުކުރި މެޗު ހިލާލުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ހިލާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މިއީ ނަސްރުގެ ކޯޗްގެ މަގާމުގައި ހުރި ރޫޑީ ގާސިއާ އެ މަގާމުން ވަކިކުރި ފަހުން ނަސްރުން ކުޅުނު ފުރަތަމަ މެޗެވެ. ބައެއް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގާސިއާ ނަސްރުގެ ކޯޗްކަމުން ވަކިކޮށްފައި ވަނީ ރޮނާލްޑޯއާއި މައްސަލަ ޖެހުމާއި ގުޅިގެންނެވެ.
ރޭ ހިލާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ނަސްރުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ވެސް ފެނިފައި ނުވެއެވެ. މި މެޗުގައި ހިލާލުން ކާމިޔާބުކުރި ދެ ލަނޑަކީ ވެސް ލިބުނު ޕެނަލްޓީން ކާމިޔާބުކުރި ދެ ލަނޑެވެ. ފުރަތަމަ ލަނޑު 42 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން އިގާލޯ ކާމިޔާބު ކޮށްދިންއިރު 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ވެސް ކާމިޔާބު ކޮށްދީފައި ވަނީ އޭނާއެވެ.
މިރޭ މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އިއްތިހާދާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރުމުގެ ފުރުޞަތު ނަސްރަށް އޮތެވެ. ނަމަވެސް މިރޭ ބަލިވުމާއިއެކު އިއްތިހާދަށް މި ވަނީ ހަ ޕޮއިންޓަށް ލީޑު ފުޅާ ކުރުމުގެ ފުރުޞަތު ފަހިވެފައެވެ. އިއްތިހާދު އެއްވަނާގައި އޮތީ 23 މެޗުން ލިބުނު 56 ޕޮއިންޓާއި އެކުގައެވެ. ނަސްރު ދެވަނާގައި އޮތީ 24 މެޗުން ލިބުނު 53 ޕޮއިންޓާއި އެކުގައެވެ.
މިރޭ ނަސްރު އަތުން މޮޅުވި ހިލާލް މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނާގައެވެ. އެ ޓީމަށް 25 މެޗުން ވަނީ 50 ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!