ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޗެލްސީ ކައުޓާވާލައި، ސެމީ ފައިނަލުން ޗެމްޕިއަން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.
މި ދެ ޓީމް ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ކުޅެފައި ވަނީ ރެއާލްގެ ދަނޑުގައެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ޗެލްސީގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ވެސް ރެއާލުން ވަނީ 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ރެއާލަށް ސެމީން ޖާގަ ލިބިފައި ވަނީ 4-0 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފައެވެ. ރެއާލަށް ކުޅެން ޖާގަތައް ނުދީ ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ޓީމް ކުރިއަށް ޖައްސައިގެން މެޗު ޑޮމިނޭޓް ކޮށްފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ވެސް ލިބުނީ ޗެލްސީއަށެވެ. ޗެލްސީގެ މިޑްފީލްޑަރ ކަންޓޭއަށް ރެއާލުގެ އޭރިއާތެރެއިން ހުހަށް ހުރެ ފޮނުވާލަން ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެއެވެ.
މެޗުގައި ރެއާލުން ދެ ލަނޑު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ. މެޗުގެ ފުރަތަމަ ލަނޑު 58 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރިގޯއެވެ. ރޮޑްރިގޯ މި ލަނޑު ޖަހާފައި ވަނީ ވިނީސިއަސްގެ އެހީތެރިކަމާއި އެކުގައެވެ. ރެއާލުގެ ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރިގޯއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށް ވެފައި ވަނިކޮށް ޗެލްސީގެ އޭރިއާތެރެއިން ވަލްވަޑޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ރެއާލުން ކަށަވަރުކުރި އިރު، ސެމީގައި އެ ޓީމް ބައްދަލުކުރަން ޖެހޭނީ ބަޔާން މިއުނިކާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ބަޔާންއާއި ސިޓީ، ސިޓީގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރި ސިޓީއެވެ. ބަޔާންގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 00:00 ގައެވެ.
ރެއާލް ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު އޮންނާނީ އަންނަ މެއި މަހުގެ ނުވަވަނަ ދުވަހުއެވެ. ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!