ފަތުރުވެރިކަމަށް ބަރޯސާވާ ރާއްޖޭގެ ބޯޑަރުތައް ރައްކާތެރިކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޓެކްއުޗި މިޑޯރި ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޖަޕާނުން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ބޭނުންވާ ބައެއް ސާމާނާއި ވެހިކަލްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Ad
rt

ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވަނީ ކަނޑާއި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުމަށް މީގެ ކުރިންވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މި އެހީތެރިކަމުން ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މި އެހީތެރިކަން އެގައުމުން ރާއްޖެއަށް ފޯރުކޮށްދެމުންދާނެކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.

ޖަޕާނު ސަރުކާރުން، ކަސްޓަމްސް އަށް އެއްގަމުގައި ދުއްވާނެ 4 އުޅަނދަކާއި ބައެއް އުޅަނދުތަކުގެ ސްޕެއަރ ޕާޓްސްތަކާއި ކެމިކަލް، އަދި ގޮވާ ޒާތުގެ ތަކެއްޗާއި މަސްތުވާތަކެތި ދެނެގަންނާނެ 8 ސްޕެކްޓްރޮ މީޓަރ ވަނީ ހަދިޔާކޮށްފައެވެ. އަދި ވަގު ނޫޓް ދެނެގަންނާނެ 4 ޑިޓެކްޓަރާއި 2 މޯބައިލް އެކްސްރޭ މެޝިން ވެސް ވަނީ ހަދިޔާކޮށްފައެވެ.

ޖަޕާނު ސަރުކާރުން ހަދިޔާކުރި ތަކެއްްޗަކީ 2020 ވަނަ އަހަރު ރާއްޖެއާއި ޖަޕާނާއި ދެމެދު ސޮއިކޮށްފައިވާ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ.

މި ޕްރޮގްރާމްގެ ދަށުން ކަސްޓަމްސް އާއި އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާކުރުމަށް 4.68 މިލިއަން ޑޮލަރު ނުވަތަ 72.6 މިލިޔަން ރުފިޔާގެ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނި ނިންމާފައިވެއެވެ.