ޖަޕާނުން ވެދިން އެހީގެ ސަބަބުން ރާއްޖެއަށް އެތެރެކޮށް ބޭރުކުރާ މަނާތަކެތި އަތުލައިގަތުމަށް މިހާރަށްވުރެ ފަސޭހަވެގެންދާނެ ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖަޕާނުން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ބޭނުންވާ ބައެއް ސާމާނާއި ވެހިކަލްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި އެހީގެ ސަބަބުން ބޯޑަރ ބެލެހެއްޓުމުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް އަންނާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ.

Ad
rt

އެގޮތުން ކުއްލި ހާލަތްތަކުގައި މަސައްކަތްކުރުމަށް ކަސްޓަމްސްގެ އޮފިސަރުންނަށް ފަސޭހަވެގެން ދާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖެއަށް އެތެރެކޮށް ބޭރުކުރާ މަނާތަކެތި އަތުލައިގަތުމަށް ވެސް މިހާރަށްވުރެ ފަސޭހަވެގެންދާނެ ކަމަށެވެ.

ބޯޑަރ ސެކިއުރިޓީގެ މަސައްކަތަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް ހަވާލުކުރުމަށް ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ރާއްޖެފަދަ ވަށައިގަން ކަނޑު އޮންނަ ޤައުމަކަށް ފުރިހަމަ ކަސްޓަމްސްގެ ޚިދުމަތަކީ މުހިއްމު ޚިދުމަތެއް ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމްސް އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

"މަސްތުވާތަކެއްޗާއެކު ދަތުރުކުރާ ބޭރު ޤައުމުތަކުގެ މީހުންގެ ޓްރާންސިޓް މަންޒިލަކަށް ރާއްޖެވުމަކީ ކަންބޮޑުވާކަމެއް. ރާއްޖެއަށް އެތެރެވެވޭ ކޮންމެ ބަނދަރެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމީ ދިފާޢީ ބާރާއި ކޯސްޓްގާޑައި ކަސްޓަމްސްއާއި އެހެނިހެން އިދާރާތައްވެސް ގުޅިގެން މަސައްކަތްކުރުމަށް ދައުރެއް އޮންނާނެ. ބޯޑަރު ރައްކާތެރިކުރުމަށް މި އިދާރާތަކަށް ޖަޕާނު ސަރުކާރުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން." މާރިޔާ ވިދާޅުވިއެވެ.

ޖަޕާނުން ހަދިޔާ ކުރެއްވި ރަމްޒީގޮތުން ހަވާލުކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓެކްއުޗި މިޑޯރިއެވެ. އަދި ރާއްޖެއިން އެތަކެއްޗާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެން މާރިޔާ އަޙްމަދު ދީދީއެވެ.

ޖަޕާނު ސަރުކާރުން ހަދިޔާކުރި ތަކެއްްޗަކީ 2020 ވަނަ އަހަރު ރާއްޖެއާއި ޖަޕާނާއި ދެމެދު ސޮއިކޮށްފައިވާ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ.

މި ޕްރޮގްރާމްގެ ދަށުން ކަސްޓަމްސްއާއި އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާކުރުމަށް 4.68 މިލިއަން ޑޮލަރު ނުވަތަ 72.6 މިލިޔަން ރުފިޔާގެ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭންވެސް ނިންމާފައިވެއެވެ.